ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީގެ މަގާމަށް ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު އައްޔަން ކުރައްވައި، މިއަދު އޭނާ ވަޒީފާއަށް ނުކުމެވަޑައިގެންފި އެވެ.
އާޒިމާ އެ މަގާމަށް ހަމަޖެއްސެވި ކަން ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އައްޔަން ކުރެއްވުމުގެ ކުރިން އާޒިމާ މަސައްކަތްކުރައްވަމުން ގެންދެވީ ރައީސްގެ އާއިލީ ގާނޫނީ ވަކީލެއްގެ ގޮތުގައި ކަމަށާއި، މި ފަހުން ދެ މައްސަލައެއްގައި ރައީސްގެ ފަރާތުން ވަކާލާތު ކުރައްވާފައިވެއެވެ.
ޕީއެންސީގެ ޓިކެޓުގައި 2023 ވަނަ އަހަރު މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވައި އާޒިމާއަށް ވަނީ ނާކާމިޔާބުވެފައެވެ. އަދި މީގެ ކުރިން އޭނާގެ މައްޗަށް އުފުލި މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ މި ސަރުކާރުން ވަނީ އަނބުރާ ނަގާފައެވެ.
ކޮމެންޓު ފޮނުވާ