މި އަހަރު 331 ފުލުހަކަށް މަގާމުގެ ކުރިއެރުން ދޭން ނިންމައި، އޭގެ ތެރެއިން މާލެ ސަރަހައްދުގައި މަސައްކަތްކުރާ 166 ފުލުހަކަށް ޕްރޮމޯޝަން ލިބުނުކަމުގެ ލިޔުން މިއަދު ހަވާލުކޮށްފި އެވެ.
ފުލުހުންގެ އިދާރާ އިން ބުނި ގޮތުގައި، އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ލިޔުން ހަވާލުކުރީ ސީނިއާ ސާޖަންޓް ރޭންކުން ސަބް އިންސްޕެކްޓާ ރޭންކަށް ކުރިއެރި 35 ފުލުހުންނަށާއި، ސާޖަންޓް ރޭންކުން ސީނިއާ ސާޖަންޓް ރޭންކަށް ކުރިއެރި 121 ފުލުހުންނަށާއި، ކޮންސްޓަބަލް ރޭންކުން ސާޖަންޓް ރޭންކަށް ކުރިއެރި 10 ފުލުހުންނަށެވެ. ބާކީ ތިބި، ރަށްރަށުގައި މަސައްކަތްކުރާ ފުލުހުންނަށް ލިޔުން ހަވާލުކުރާނީ އެ ސަރަހައްދުތަކުންނެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދު ވިދާޅުވީ ކޮންމެ ރޭންކަކާ އެކު ބޮޑެތި މަސްއޫލިއްޔަތުތަކެއް އުފުލަން ޖެހޭ ކަމަށާއި، ލިބުނު ކުރިއެރުމާ އެއް ވަރަށް މަސައްކަތުގެ ފެންވަރާއި އަހުލާގުން ނަމޫނާ ދައްކަން ޖެހޭނެ ކަމަށެވެ. ގާނޫނު ތަންފީޒުކުރާ އެންމެ އިސް މުއައްސަސާގެ ކޮންމެ މުވައްޒަފެއްގެ ކިބައިގައި ވެސް އަހުލާގަކީ ކޮންމެހެން ހުންނަން ޖެހޭ އަސާސީ ސިފައެއް ކަމަށް ސީޕީ ފާހަގަކުރެއްވި އެވެ.
"އަހުލާގެއް ނެތިއްޔާ މި ތަނުގައި އަޅުގަނޑުމެންނަށް ނުކުމެ ރައްޔިތުންނަށް ކޮށްދެވޭނެ ކަމެއް ނޯންނާނެ،" ސީޕީ ވިދާޅުވި އެވެ.
ކޮމެންޓު ފޮނުވާ