ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭއަށް ނަސްލީ ފުރައްސާރަކުރި ކަމުގެ ތުހުމަތުގައި ޕެރަގުއޭގެ ސެނެޓަރެއްގެ މައްސަލަ ފްރާންސްގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފިއެވެ.
ޕެރިހުގެ ޕްރޮސެކިއުޓަރުގެ އޮފީހުން ބުނި ގޮތުގައި، މި ތަހުގީގު ފެށީ ފްރެންޗް ފުޓްބޯޅަ ފެޑެރޭޝަން (އެފް.އެފް.އެފް) އިން ހުށަހެޅި ޝަކުވާއަކާ ގުޅިގެންނެވެ. މި ޝަކުވާ ހުށަހަޅާފައިވަނީ އޮންލައިންކޮށް ފަތުރާ ނަފްރަތުގެ މައްސަލަތައް ބަލާ ޤައުމީ ޔުނިޓަށެވެ.
މި މައްސަލަ ރައްދުވަނީ ޕެރަގުއޭގެ އިދިކޮޅު ލިބަރަލް ރެޑިކަލް ޕާޓީގެ ސެނެޓަރެއް ކަމަށްވާ، އުމުރުން 61 އަހަރުގެ ސެލެސްޓޭ އަމަރިއްޔާއަށެވެ. ވޯލްޑް ކަޕްގައި ޕެރަގުއޭގެ މައްޗަށް ފްރާންސް ކުރި ހޯދި މެޗަށްފަހު، އެކްސް (ކުރީގެ ޓްވިޓާ) މެދުވެރިކޮށް އަމަރިއްޔާ ވަނީ އެމްބާޕޭގެ ނަސްލާއި، އޭނާ ބޮޑުވި ގޮތާއި، ތަޢުލީމާއި ސިފައަށް މަލާމާތްކޮށް ޕޯސްޓްތަކެއް ކޮށްފައެވެ.
މިކަމާ ގުޅިގެން އެމްބާޕޭ ބުނީ އަމަރިއްޔާއަކީ "ފަކުރުގަންނަ ފަދަ އަންހެނެއް" ކަމަށާއި، އޭނާއަކީ ޕެރަގުއޭގެ ކޮންގްރެސްގައި އިނުމުގެ ކުފޫ ހަމަވާ މީހެއް ނޫން ކަމަށެވެ.
އަމަރިއްޔާ ބުނެފައިވަނީ އޭނާއަށް ރަސްމީކޮށް އެއްވެސް އެންގުމެއް ލިބިފައި ނުވާ ކަމަށާއި، ފްރާންސަށް އޭނާއާ ދެކޮޅަށް މައްސަލަ ބެލޭނެ ޤާނޫނީ އަސާސެއް ނެތް ކަމަށެވެ. ނަމަވެސް ޕްރޮސެކިއުޓަރުން ބުނާ ގޮތުގައި، އަނިޔާ ލިބޭ ފަރާތަކީ ފްރާންސްގެ ރައްޔިތަކަށްވާނަމަ، ބޭރު ޤައުމެއްގައި ހުރެގެން ކުރާ މިފަދަ ކަންކަން ބެލުމުގެ އިޚްތިޞާޞް އެ އޮފީހަށް ލިބިގެންވެއެވެ. މިފަދަ ކުށްތަކަށް އެއް އަހަރުގެ ޖަލު ހުކުމަކާއި 45،000 ޔޫރޯގެ ޖޫރިމަނާއެއް އަތުވެދާނެއެވެ.
ޕެރަގުއޭ ސަރުކާރުން ވަނީ އަމަރިއްޔާގެ ޢަމަލުތައް ކުށްވެރިކޮށްފައެވެ. ސަރުކާރުގެ ބަޔާނުގައި ބުނެފައިވަނީ އެއީ އެ ޤައުމުން ޤަބޫލުކުރާ އިންސާނީ ކަރާމާތާއި ސުލްހަވެރިކަމުގެ އުޞޫލުތަކާ ޚިލާފު ކަމެއް ކަމަށާއި، އެއީ ޕެރަގުއޭގެ ރައްޔިތުންގެ ވިސްނުން ނޫން ކަމަށެވެ. ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން އާއި ކުޅިވަރާ ބެހޭ ވަޒީރު ވެސް ވަނީ އެމްބާޕޭއަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައެވެ.
އަމަރިއްޔާ ފަހުން ވަނީ އޭނާގެ ބައެއް ޕޯސްޓްތައް ފުހެލާފައެވެ. ނަމަވެސް އޭނާ ބުނީ އެމްބާޕޭ އޭނާއަށް ކުރި މަލާމާތަށް މަޢާފަށް އެދެންޖެހޭނެ ކަމަށާއި، އެހެން ނޫންނަމަ ދަޢުވާ ކުރާނެ ކަމަށެވެ. ފްރާންސް މިހާރު ތައްޔާރުވަމުންދަނީ ބުރާސްފަތި ދުވަހު ކުއާޓާ ފައިނަލްގައި މޮރޮކޯއާ ދެކޮޅަށް ކުޅޭ މެޗަށެވެ.
ކޮމެންޓު ފޮނުވާ