ދުންފަތުގެ ވަބާއިން މުޖުތަމައު ސަލާމަތްކުރުމަށް ވިޔަފާރިވެރިންގެ އެހީތެރިކަމަށް ފަސްޓް ލޭޑީ އެދިވަޑައިގެންފި

ދުންފަތުގެ ވަބާއިން މުޖުތަމައު ސަލާމަތްކުރުމަށް ވިޔަފާރިވެރިންގެ އެހީތެރިކަމަށް ފަސްޓް ލޭޑީ އެދިވަޑައިގެންފި

Author
އަހުމަދު
27 ޖޫން 2026 08:51
0

ދުންފަތުގެ ނުރައްކާތެރި ވަބާއިން ދިވެހި މުޖުތަމައު ސަލާމަތްކުރުމަށްޓަކައި، ކެފޭ އަދި ރެސްޓޯރެންޓުތައް ފަދަ ވިޔަފާރިތަކުން އިސްނަގައިގެން މަސައްކަތްކޮށްދެއްވުމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މިއަދު ގޮވާލައްވައިފިއެވެ.

މ. މުލަކުގައި ބޭއްވި ދުނިޔޭގެ ދުންފަތް އިސްތިއުމާލު ނުކުރާ ދުވަހުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން އެކަމަނާ ވިދާޅުވީ، ދުންފަތަކީ އޭގެ ސަބަބުން އެތައް ޖީލަކަށް އޭގެ ނޭދެވޭ އަސަރު ފޯރާ ސިއްހީ ބޮޑު ކާރިސާއެއް ކަމަށެވެ. އަދި މިއީ ހަމައެކަނި ދުންފަތުގެ އިސްތިއުމާލުކުރާ މީހާއަށް އޮތް ނުރައްކަލެއް ނޫން ކަމަށާއި، އޭގެ ދުން އަރާ ހިސާބުގައި ތިބޭ އެހެން މީހުންނަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބޭކަން ފާހަގަކުރެއްވިއެވެ. ސާޖިދާ ވިދާޅުވި ގޮތުގައި ދުންފަތަށް ކުރާ ހަރަދަކީ ހަށިގަނޑު ހަލާކުކޮށްލުމަށް ކުރެވޭ ބޮޑު އިސްރާފެކެވެ. އޭގެ ސަބަބުން ކެންސަރާއި، ފުއްޕާމޭގެ ބަލިތަކުގެ އިތުރުން ހިތުގެ މައްސަލަތައް ކުރިމަތިވެ، މުޅި ހަށިގަނޑުގެ ނިޒާމު ފެއިލްކޮށްލާކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ޒަމާނަށް އައި ބަދަލާއެކު ވޭޕާއި ޝީޝާ ފަދަ ތަކެތި ބޭނުންކޮށްގެން އާ އުކުޅުތަކާއެކު ކުޑަކުދިންނާއި ޒުވާނުން މި ވަބާގެ ތެރެއަށް ވައްދަމުންދާކަމުގެ ކަންބޮޑުވުން އެކަމަނާ ފާޅުކުރެއްވިއެވެ. މިއީ މަސްތުވާތަކެއްޗަށް ހުޅުވޭ ދޮރެއްކަން ފާހަގަކުރައްވައި، މުޅި މުޖުތަމައު ގުޅިގެން އެއް އަމާޒެއްގައި މިކަމާ ދެކޮޅަށް ތެދުވުމަށް ފަސްޓް ލޭޑީ އިލްތިމާސްކުރެއްވިއެވެ. ހާއްސަކޮށް، އަމިއްލަ ސިއްހަތަށް ގެއްލުންދޭން އެއްވެސް މީހަކު ބޭނުންނުވާނެކަން ހަނދާންކޮށްދެއްވަމުން، ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުންނާއި އާންމު ވިޔަފާރިވެރިން މިކަމުގައި ނަމޫނާ ދައްކަވައި، ދުންފަތާ ދެކޮޅަށް އާ އަޒުމަކާއެކު މަސައްކަތް ފެށުމަށް އެކަމަނާ ވަނީ އެދިވަޑައިގެންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.