މީހަކު ގެއަކަށް ގެންގޮސް ފޭރުމުގެ ތުހުމަތުގައި ތިން މީހުން 15 ދުވަހަށް ބަންދު ކޮށްފި

މީހަކު ގެއަކަށް ގެންގޮސް ފޭރުމުގެ ތުހުމަތުގައި ތިން މީހުން 15 ދުވަހަށް ބަންދު ކޮށްފި

Author
އަހުމަދު
14 ނޮވެމްބަރ 2026 12:16
0

 

މީހަކަށް އޮޅުވާލައިގެން ގެއަކަށް ގެންގޮސް، އަނިޔާކޮށް ބިރުދައްކައި، ފައިސާއާއި ސާމާނު ފޭރި މައްސަލައެއްގައި ހައްޔަރުކުރި ތިން މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.

ހައްޔަރުކުރި މީހުންނަކީ މ. އިރާކުމާގޭ މުޙައްމަދު ނިޝާން ޖަލީލް (33)، ސ. ހިތަދޫ، ގަޑުވަރު އައުސް އަލީ ޙިލްމީ (30) އާއި ށ. ޅައިމަގު، އަތަމާގޭ ފާރިސް ޢަލީ ޝަރީފް (35) އެވެ. އެމީހުން ހައްޔަރުކުރީ މާރާމާރީ ހިންގުމާއި ހުއްދަނޫން ގޮތުގައި މީހަކު ހިފެހެއްޓުމާއި ފޭރުމުގެ ތުހުމަތުގައެވެ.

ކޯޓު އަމުރުތަކުގައިވާ ގޮތުން، ތިން މީހުން ތިބި ކޮޓަރިއެއްގެ ތެރެއިން އަނިޔާލިބުނު މީހާގެ ފޯނާއި ގަޑި ފެނިފައިވެއެވެ. ތުހުމަތުތަކަށް ހެއްކެއްގެ ގޮތުގައި އަނިޔާލިބުނު މީހާގެ ބަޔާނާއި ހެކިންގެ ހެކިބަސް، އަނިޔާތައް ފެންނަ ފޮޓޯތަކާއި ސީސީޓީވީ ފުޓޭޖުގެ ސްނެޕްޝޮޓުތައް ހުށަހަޅާފައިވެއެވެ.

ތިން މީހުން ވެސް ކޯޓުގައި ތުހުމަތު ދޮގުކޮށްފައިވެއެވެ. އައުސް ބުނީ އަނިޔާލިބުނު މީހާ އައީ އޭނާގެ ރުހުމުގައި ކަމަށާއި، ފެނުނު ގަޑިއަކީ އެމީހާ އޭނާއަށް ދިން ހަދިޔާއެއް ކަމަށެވެ. ނިޝާން ބުނީ އެވަގުތު އޭނާ އޮތީ ނިދާފައި ކަމަށާއި، އެކަން ކުރީ އޭނާގެ އެހެން ރަޙުމަތްތެރިން ކަމަށެވެ. ފާރިސް ބުނީ އޭނާއަށް އެނގިގެން ހިނގި ކަމެއް ނޫން ކަމަށެވެ.

ތިން މީހުން ވެސް ވަކީލަކު ހޯދުމުގެ ފުރުސަތު ބޭނުންވާ ކަމަށް ކޯޓަށް ބުނެފައިވެއެވެ. އެމީހުންގެ ބަންދު މުއްދަތު ހަމަވާނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.

މީހުންނަށް އޮޅުވާލައިގެން ގެއަކަށް ނުވަތަ ގެސްޓްހައުސްއެއްގެ ކޮޓަރިއަކަށް ގެންގޮސް ފޭރުމުގެ މައްސަލަތައް މިހާރު އިތުރުވަމުން އަންނަ ކަމަށް ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.