ހަކުރު ބައްޔަށް ފަރުވާ ހޯދާ މީހުންގެ ތެރެއިން ގިނަ ބަޔަކީ ޓައިޕް 2 ގެ ބަލި ޖެހިފައިވާ މީހުން

ހަކުރު ބައްޔަށް ފަރުވާ ހޯދާ މީހުންގެ ތެރެއިން ގިނަ ބަޔަކީ ޓައިޕް 2 ގެ ބަލި ޖެހިފައިވާ މީހުން

Author
އަހުމަދު
14 ނޮވެމްބަރ 2026 12:17
0

 

ރާއްޖޭގައި މިހާރު 7،000 އަށް ވުރެ ގިނަ މީހުން ހަކުރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. އެޖެންސީން ބުނީ ރާއްޖޭގައި މީހުން މަރުވާ ސަބަބުތަކުގެ ތެރެއިން ހަކުރު ބައްޔަކީ ތިންވަނައަށް އެންމެ ބޮޑު ސަބަބު ކަމަށެވެ.

ދުނިޔޭގެ ހަކުރު ބަލީގެ ދުވަހުގައި އެޗްޕީއޭ އިން ނެރުނު ބަޔާނުގައިވާ ގޮތުން، ރާއްޖޭގައި މަރުވާ މީހުންގެ ގާތްގަނޑަކަށް 85 ޕަސެންޓު މަރުވަނީ ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުންނެވެ. އޮކްޓޯބަރު 30 ގެ ނިޔަލަށް ހޮސްޕިޓަލްތަކުން ލިބުނު ހިސާބުތަކުން ދައްކާ ގޮތުގައި، ޓައިޕް 1 ގެ ހަކުރު ބައްޔަށް 300 މީހުން ފަރުވާ ހޯދަމުން އަންނައިރު، ޓައިޕް 2 ގެ ހަކުރު ބައްޔަށް ފަރުވާ ހޯދަނީ 7،000 މީހުންނެވެ. މީގެ އިތުރުން، މާބަނޑު ދުވަސްވަރު ހަކުރު މައްޗަށް ދާތީ އަހަރަކު ގާތްގަނޑަކަށް 250 މީހުން ފަރުވާ ހޯދައެވެ.

އެޗްޕީއޭ އިން ބުނީ ޓައިޕް 2 ގެ ހަކުރު ބައްޔަށް މައިގަނޑު ސަބަބަކީ ބަރުދަން ބޮޑުވުމާއި ހެލިފެލިވެ އުޅުން މަދުވުން ކަމަށެވެ. ދިރިއުޅުމުގެ ވައްޓަފާޅީގެ ސަބަބުން މިއަދު ކޮންމެ އުމުރެއްގެ މީހަކަށް ވެސް މި ބަލި ޖެހިދާނެ ކަމަށް އެޖެންސީން ފާހަގަކުރިއެވެ.

ބަލިން ރައްކާތެރިވުމަށް ސިއްހަތަށް ފައިދާހުރި ކާނާ ކެއުމާއި، ގަވާއިދުން ކަސްރަތުކުރުމާއި، ދުންބުއިމުން ދުރުހެލިވުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފައިވެއެވެ. ބަލީގެ އަލާމާތެއް ފެނިއްޖެނަމަ، ނުވަތަ އާއިލާގައި ހަކުރު ބަލި ހުރިނަމަ ދުރާލައި ޓެސްޓު ހެދުމަށް ވެސް އެޖެންސީން އެދިފައިވެއެވެ. ސްޓެޕް ސާވޭގެ ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ފިރިހެނުންގެ 35.6 ޕަސެންޓާއި އަންހެނުންގެ 7.6 ޕަސެންޓު ދުންފަތު ބޭނުންކުރެއެވެ.

"ނެޝަނަލް މަލްޓިސެކްޓޯރަލް އެކްޝަން ޕްލޭން 2023-2031″ ގެ ދަށުން ބަލި ދުރާލައި ދެނެގަތުމަށް ޕްރައިމަރީ ހެލްތު ކެއާގެ ސްކްރީނިންގ ނިޒާމު ވަރުގަދަކުރަމުން އަންނަ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. މިއަހަރުގެ ހަކުރު ބަލީގެ ދުވަހުގައި "ޑައެބެޓީސް މެނޭޖްމަންޓް ޕްރޮޓޮކޯލް" ތައާރަފުކުރުމާއި، ހުރިހާ މީހުންނަށް ހުޅުވާލާފައިވާ ފެތުމުގެ ހަރަކާތެއް ވެސް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.