ތުރުކީވިލާތުގައި ބޭއްވި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ އދ.ގެ ސަމިޓް، ކޮޕް31ގައި ބައިވެރިވުމަށް ކުރެއްވި ދަތުރުފުޅު ނިންމަވައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު މިއަދު ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ސަމިޓުގައި ރާއްޖޭގެ ޤައުމީ ބަޔާން އިއްވަވަމުން ރައީސް ވަނީ މޫސުމީ ބަދަލުތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ވެފައިވާ ވަޢުދުތައް ފުއްދުމަށާއި، ދުނިޔޭގެ މާލީ ނިޒާމު އިސްލާހުކުރުމަށް ގޮވާލައްވާފައެވެ. ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ނާޒުކު ހާލަތު ބަލައިގަނެ، އެ ޤައުމުތަކަށް ދޭ އެހީތެރިކަން އިތުރުކުރަން ޖެހޭނެ ކަމަށާއި، ސިޔާސީ ނިންމުންތައް ޢަމަލީ ނަތީޖާއަށް ބަދަލުކުރަން ޖެހޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ސަމިޓުގެ ތެރެއިން "ގްލޯބަލް ޒީރޯ ވޭސްޓް އެލަޔަންސް"ގެ ބައްދަލުވުމުގައި ތަޤްރީރުކުރައްވަމުން ފަސްޓް ލޭޑީ ވަނީ ކަނޑަށް އަޅާ ކުނިން ފަރުތަކަށާއި ކަނޑުގެ ދިރުންތަކަށް، އަދި ކާބޯތަކެތީގެ ރައްކާތެރިކަމަށް ކުރާ ނޭދެވޭ އަސަރުތަކަށް އަލިއަޅުއްވާލައްވާފައެވެ.
ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުން ވަނީ އެކި ޤައުމުތަކުގެ ލީޑަރުންނާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ މަންދޫބުންނާ ބައްދަލުކުރައްވާފައެވެ. އިއާދަކުރަނިވި ހަކަތައާއި، މޫސުމީ ގޮންޖެހުންތަކާ ކުރިމަތިލުމަށް ބޭނުންވާ މާލީ އެހީ ހޯދުމަކީ މި ސަމިޓުގައި މައިގަނޑު ގޮތެއްގައި ބަހުސްކުރެވުނު މައުޟޫޢުތަކެވެ.
ކޮމެންޓު ފޮނުވާ