މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން ބާއްވާ 13 ވަނަ މޯލްޑިވްސް ފައިނޭންސް ފޯރަމް، ޑުސިޓް ޑީ2 ފޭދޫގައި މިއަދު ފަށައިފިއެވެ. ފޯރަމް ފައްޓަވައިދެއްވީ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރެވެ.
2012 ވަނަ އަހަރު ފެށި މި ފޯރަމްގެ މިއަހަރުގެ މައުޟޫއަކީ "ގްރީން ފައިނޭންސް – ރާއްޖެ ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކާއި މާލީ ރައްކާތެރިކަން ކަށަވަރުކުރުން" އެވެ. ފޯރަމްގައި މާލީ ދާއިރާގެ މާހިރުންނާއި ރެގިއުލޭޓަރީ އިދާރާތައް، ސަރުކާރުގެ މުއައްސަސާތަކާއި ވިޔަފާރި ފަރާތްތައް ބައިވެރިވެއެވެ. އެ ފަރާތްތަކުން މޫސުމީ ބަދަލުތަކުގެ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކަށް އަދާކުރެވޭނެ ދައުރާ މެދު މަޝްވަރާކުރާނެއެވެ.
ފޯރަމްގައި ގްރީން ފައިނޭންސްގެ މުހިންމުކަމާ ބެހޭ ޕްރެޒެންޓޭޝަނެއް ހުށަހަޅާނެއެވެ. އަދި މޫސުމީ ބަދަލުތަކުން ގޭބިސީތަކާއި ކުދި ވިޔަފާރިތަކަށާއި ރަށްރަށަށް ކުރާ އަސަރާ ބެހޭ ޕެނަލް ޑިސްކަޝަނެއް ވެސް ބާއްވާނެއެވެ. ރެގިއުލޭޓަރީ އިދާރާތަކުގެ ރައުންޑް ޓޭބަލް މަޝްވަރާއެއް ބާއްވައި، ކުދި ޖަޒީރާ ޤައުމުތަކުގެ ތަޖުރިބާތައް ވެސް ހިއްސާކުރާނެއެވެ. ފޯރަމް ނިންމާލާނީ މޫސުމީ ނުރައްކާތައް އިންވެސްޓްމަންޓްގެ ފުރުޞަތުތަކަކަށް ބަދަލުކުރެވިދާނެ ގޮތްތަކާ ބެހޭ ޕެނަލަކުންނެވެ.
ޕެންޝަން އޮފީހަކީ ރާއްޖޭގެ އެންމެ ބޮޑު އިންސްޓިޓިއުޝަނަލް އިންވެސްޓަރެވެ. މިއަހަރުގެ ސެޕްޓެމްބަރު ނިޔަލަށް މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ ފަންޑު 30.3 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. މި ސްކީމުގައި 204,549 މީހުން ބައިވެރިވެފައިވެއެވެ.
ކޮމެންޓު ފޮނުވާ