ރަސްމާލެ މަޝްރޫއު ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމާ ދެކޮޅަށް އުފައްދާފައިވާ "ގައުމީ ހަރަކާތުން" ރޭ މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދުގައި އެއްވުމެއް ބާއްވައިފި އެވެ. "ދިވެހިންގެ ބިން ދިވެހިންނަށް" ގެ ނަމުގައި ބޭއްވި އެއްވުމުގައި އިދިކޮޅުގެ ބައެއް ލީޑަރުން ވެސް ބައިވެރިވި އެވެ.
އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުން މިހާރުގެ ސަރުކާރު ނޫން ކޮންމެ ބަޔަކު ކާމިޔާބުކުރި ނަމަވެސް، އީގަލް ހިލްސްއާ ހެދި އެއްބަސްވުން ބާތިލުކޮށް ބިން އަނބުރާ ގެންނާނެ ކަމަށެވެ. ކުންފުންޏަށް އެކަމުގެ ބަދަލެއް ނުދޭނެ ކަމަށާއި އެއްބަސްވުމަކީ ރާއްޖޭގެ ގާނޫނުތަކާ އެއްގޮތަށް ހަދާފައިވާ އެއްބަސްވުމެއް ނޫން ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
ކުންފުންޏަށް ދޭން ނިންމާފައިވާ ބިމަކީ މިހާރުގެ އަގުން 400 ބިލިއަނާއި 500 ބިލިއަން ރުފިޔާއާ ދެމެދުގެ އަގުހުރި ބިމެއް ކަމަށް ޔާމީން ވިދާޅުވި އެވެ. މި ދަނޑިވަޅަކީ ޕީއެންސީގެ މެމްބަރުން، މަޖިލީހުގެ މެމްބަރުން، ފުލުހުން އަދި ސިފައިން ވެސް އަޑުއުފުލަން ޖެހޭ ވަގުތު ކަމަށާއި، މިހާރު މިކަމުގައި ބައިވެރިނުވާ މީހުން ފަހުން ޖިނާއީ ތަހުގީގަށް ހާޒިރުކުރެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ކުރީގެ ހޯމް މިނިސްޓަރު އަބްދުﷲ އިމްރާން ވިދާޅުވީ މި މަޝްރޫއު ކުރިއަށް ގެންދާން ފުރުސަތު ދީފި ނަމަ ރާއްޖޭގައި ސިޔާސީ ޕާޓީއެއް ނުހުންނާނެ ކަމަށެވެ. އެހެންކަމުން ސިޔާސީ ތަފާތުތައް އެއްފަރާތްކޮށް، ހުރިހާ ފަރާތަކުން މި މަޝްރޫއާ ދެކޮޅަށް ތެދުވާން ޖެހޭ ކަމަށް އިމްރާން ވިދާޅުވި އެވެ.
ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު، ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވީ ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށް ގާނޫނުއަސާސީގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، ބޭރު ދީންތަކުގެ މީހުން ރަސްމާލޭގައި އާބާދުވެ ރަށްވެހިކަން ލިބުމުން ސީރިއަސް ސުވާލުތަކެއް އުފެދޭނެ ކަމަށެވެ. މިއީ ރާއްޖޭގެ ދެމިއޮތުމާ ގުޅޭ މައްސަލައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިދިކޮޅުގެ ތުހުމަތުތަކަށް ރައްދު ދެއްވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހު ވިދާޅުވެފައިވަނީ، އެ ފަރާތްތަކުން ހަގީގަތް އޮޅުވާލަނީ ސިޔާސީ މަގުސަދުތަކެއް ހާސިލުކުރުމަށް ކަމަށާއި، މަޝްރޫއުގެ ފުރިހަމަ ކޮންޓްރޯލް އޮންނާނީ ދިވެހި ސަރުކާރަށް ކަމަށެވެ.
ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލޭގެ 500 ހެކްޓަރު ބިން އީގަލް ހިލްސްއަށް ދޭން ނިންމާފައިވަނީ ވޯޓަރފްރޮންޓް އަދި މެރީނާ މަޝްރޫއެއް ހިންގުމަށެވެ. ސަރުކާރުގެ އަންދާޒާއަށް ބަލާއިރު، މަސައްކަތް ފެށުމުގެ ކުރިން ވެސް ގާތްގަނޑަކަށް 500 މިލިއަން ޑޮލަރުގެ އަގުހުރި 5,000 ހައުސިން ޔުނިޓް ދައުލަތަށް ލިބޭނެ އެވެ.
ކޮމެންޓު ފޮނުވާ