އަންނަ އަހަރުގެ ޙައްޖު މޫސުމުގެ ކަންކަން ކަނޑައަޅާ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީއާއި ސައުދީ އަރަބިއްޔާގެ ޙައްޖާއި އުމްރާއާ ބެހޭ މިނިސްޓްރީން ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އުސާމް މުޙައްމަދު ސައީދެވެ. ސައުދީގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ޙައްޖާއި އުމްރާއާ ބެހޭ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޑރ. އަބްދުލްފައްތާޙް މަޝާތެވެ.
ޙައްޖަށް ސައުދީއަށް މީހުން ފޮނުވާ ކޮންމެ ގައުމަކުން އަހަރުން އަހަރަށް ސޮއިކުރާ މި އެއްބަސްވުމުގައި، ޙައްޖުގެ ޚިދުމަތްތަކަށް ފައިސާ ދައްކާނެ ގޮތާއި ރާއްޖޭގެ ޙައްޖު ކުންފުނިތަކުން ޚިދުމަތް ފޯރުކޮށްދޭންވީ ގޮތް ކަނޑައަޅާފައިވެއެވެ. އަދި ޙައްޖު މޫސުމުގައި ދިވެހި ޙައްޖުވެރިންގެ ކަންކަން ބެލެހެއްޓުމަށް ޙައްޖު މިޝަނެއް ގާއިމްކުރުމާ ބެހޭ ކަންކަން ވެސް މި އެއްބަސްވުމުގައި ހިމެނެއެވެ.
ކަލަންޑަރާ އެއްގޮތަށް، އަންނަ އަހަރުގެ ޙައްޖު ދިމާވަނީ މެއި މަހުގެ މެދުތެރެއަށެވެ.
ސައުދީ ސަރުކާރުން ރާއްޖެއަށް އާންމުކޮށް ދޫކުރަނީ އަހަރަކު 1,000 މީހުންގެ ޙައްޖު ކޯޓާއެވެ. ޙައްޖު ކިޔޫ ދިގުވަމުން ދާއިރު، މިހާރު ނަން ނޯޓުކުރާ މީހަކަށް ޙައްޖަށް ދެވޭނީ 17 އަހަރު ފަހުން، 2043 ވަނަ އަހަރު ކަމަށް ޙައްޖު ކޯޕަރޭޝަނުން މިދިޔަ ހަފުތާގައި ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ