ފީފާ ވޯލްޑް ކަޕް 2026 ގެ ގުރޫޕް އައި ގައި ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް، ފްރާންސާއި ނޯވޭ މުބާރާތުގެ ދެވަނަ ބުރުގެ ޖާގަ ކަށަވަރުކޮށްފިއެވެ.
އެމެރިކާގައި ރޭ ކުޅުނު މެޗުގައި އިރާގާ ވާދަކޮށް ފްރާންސް މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ. މޫސުން ގޯސްވުމުގެ ސަބަބުން ފުރަތަމަ ހާފަށްފަހު ގާތްގަނޑަކަށް ދެ ގަޑިއިރުގެ މެދުކެނޑުމަކަށްފަހު ކުރިއަށްދިޔަ މި މެޗުގައި ފްރާންސްގެ ލަނޑުތައް ޖަހައިދިނީ ދެ ލަނޑު ކާމިޔާބުކުރި ކިލިއަން އެމްބާޕޭ އާއި އުސްމާނޭ ޑެމްބެލޭއެވެ. މި މެޗުގައި ޖެހި ލަނޑުތަކާއެކު އެމްބާޕޭ ވަނީ ވޯލްޑް ކަޕްގައި އޭނާ ޖެހި ލަނޑުގެ ޖުމްލަ 16 އަށް އަރައި، މުބާރާތުގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ދެވަނައަށް ޖެހިލާފައެވެ.
ހަމަ މި ގުރޫޕުގައި ރޭ ސެނެގާލްއާ ވާދަކޮށް ނޯވޭ މޮޅުވީ 3-2 އިންނެވެ. ނޯވޭގެ ތަރި އާލިން ހާލަންޑް މި މެޗުގައި ދެ ލަނޑު ޖެހިއިރު (މި މުބާރާތުގައި އޭނާގެ ޖުމްލަ 4 ލަނޑު)، އެ ޓީމުގެ އަނެއް ލަނޑު ޖަހައިދިނީ މާކަސް ޕެޑަސަންއެވެ. ސެނެގާލްގެ ލަނޑުތައް ކާމިޔާބުކުރީ ކެޕްޓަން ކަލީޑޫ ކުލިބާލީ އާއި އިސްމާއިލާ ސާއެވެ.
ކުޅުނު ދެ މެޗުން މޮޅުވެ ލިބުނު ހަ ޕޮއިންޓާއެކު ފްރާންސާއި ނޯވޭ ދެވަނަ ބުރަށް ގޮސްފައިވާއިރު، ގުރޫޕްގެ ފަހު މެޗުގައި މި ދެ ޓީމު އެއް ޓީމު އަނެއް ޓީމާ ބައްދަލުކުރާނެއެވެ. ޖެހިޖެހިގެން ދެ މެޗުން ބަލިވި ސެނެގާލަށް ދެން ދެވަނަ ބުރުގެ އެއްވެސް ފުރުސަތެއް އޮތީ ފަހު މެޗުގައި އިރާގު ބަލިކޮށްގެންނެވެ.
ކޮމެންޓު ފޮނުވާ