ސައުދީ އަރަބިއްޔާގެ ބަޖެޓް އެއާލައިން، "ފްލައިނާސް" އިން ދިވެހިރާއްޖެއަށް ކުރާ ޝެޑިއުލް ދަތުރުތައް މިއަދު އަލުން ފަށައިފިއެވެ.
މި ދަތުރުތައް އަލުން ފެށުމުގެ ގޮތުން މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް (ވީއައިއޭ) ޖެއްސި ފުރަތަމަ ފްލައިޓަށް ވަނީ ވޯޓާ ސެލިއުޓަކާއެކު ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. އަދި އެ ފްލައިޓުން ރާއްޖެ އައި ފަސިންޖަރުންނަށާއި ފުރި ފަސިންޖަރުންނަށް ހާއްސަ ހަނދާނީ ހަދިޔާތަކެއް ވެސް ވަނީ ދީފައެވެ.
ފްލައިނާސް އިން މިހާރު ހަމަޖައްސާފައިވަނީ ސައުދީގެ ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓާއި ރާއްޖެއާ ދެމެދު ކޮންމެ ހަފުތާއަކު ތިން ދަތުރު ކުރުމަށެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މައުލޫމާތު ދޭގޮތުގައި، މިއީ މެދުއިރުމަތީގެ މާކެޓުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއިފަސޭހައެކެވެ. ސައުދީ އަރަބިއްޔާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިންމު ހިއްސާއެއްވާ ގައުމަކަށް ވުމާއެކު، ފްލައިނާސްގެ ދަތުރުތަކާއެކު މެދުއިރުމަތިން ރާއްޖެއަށް އޮންނަ ޑިމާންޑް އިތުރަށް ބޮޑުވެގެންދާނެކަމަށް އެ ކުންފުނިން ލަފާކުރެއެވެ.
ކޮމެންޓު ފޮނުވާ