ކުދި ގައުމުތައް އަނދިރީގައި ބައިތިއްބައިގެން ތެޔޮ ހުއްޓާލެވޭނެ ގޮތެއް ނެތް: އަލީ ޝަރީފް

ކުދި ގައުމުތައް އަނދިރީގައި ބައިތިއްބައިގެން ތެޔޮ ހުއްޓާލެވޭނެ ގޮތެއް ނެތް: އަލީ ޝަރީފް

Author
އަހުމަދު
21 ނޮވެމްބަރ 2026 02:22
0

 

ތެލާއި ގޭހަށް ބަރޯސާވުން ހުއްޓާލަން ދުނިޔެއިން މަސައްކަތްކުރާއިރު، ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް އޭގެ ބަދަލުގައި ބޭނުންކުރާނެ ވަސީލަތްތައް ފޯރުކޮށްދޭން ޖެހޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އަލީ ޝަރީފް ވިދާޅުވެއްޖެ އެވެ.

ޖަރުމަނުގެ ޑީޑަބްލިއުއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ، ރާއްޖެއަކީ ބިން ކުޑަ ގައުމަކަށް ވާތީ ފުރާޅުތަކުގައި ސޯލާ ޕެނަލް ހަރުކޮށްގެން ބޭނުންވާ ވަރަށް ކަރަންޓު ނުއުފެއްދޭނެ ކަމަށާއި، އެހެންވެ ކަނޑުގެ ރާޅާއި އޮއިވަރަށް ކެތްކުރެވޭ "ފްލޯޓިން ސޯލާ" ނިޒާމުތަކަކީ ރާއްޖެއަށް އޮތް ހައްލު ކަމަށެވެ.

"އަޅުގަނޑުމެން އަނދިރީގައި ތިބޭކަށް ބޭނުމެއް ނޫން. އެ ޒަމާން ހިނގައްޖެ،" މިނިސްޓަރު ވިދާޅުވިއެވެ. ރާއްޖެއިން ތެޔޮ ބޭނުންކުރުން ހުއްޓާލުމާ ދެކޮޅެއް ނުހަދާ ކަމަށާއި، ނަމަވެސް އެކަން ކުރެވޭނީ ބަދަލު ވަސީލަތްތައް ލިބިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ދުނިޔެ ހޫނުވުމުގައި އެންމެ ކުޑަ ހިއްސާއެއް އޮތް ނަމަވެސް، އޭގެ އެންމެ ބޮޑު ބުރަ އުފުލަން ޖެހިފައިވަނީ ކުދި ޖަޒީރާ ގައުމުތަކަށް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. މިދިޔަ މަހު ކުރި ބޯ ވިއްސާރައިގައި ބައެއް އާއިލާތަކަށް ގެދޮރު ދޫކޮށްލާން ޖެހުނު ކަމަށާއި، ކަނޑު ހޫނުވުމާއެކު ބާނާ މަހުގެ މިންވަރު މަދުވެ، ފަރު ހުދުވުމުން ޓޫރިޒަމަށް ވެސް އަސަރުކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮޕްގައި ރާއްޖެ ބައިވެރިވާތާ 31 އަހަރު ވީއިރު، ޕެރިސް އެގްރީމަންޓަކީ އުއްމީދީ ފެށުމެއް ނަމަވެސް ކަންކަން ކުރިއަށްދާ ސްޕީޑަކީ ކުދި ގައުމުތަކުން ބޭނުންވާ މިންވަރު ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ކުދި ގައުމުތަކަށް މާލީ އެހީ ލިބޭނެ މަގު ފަސޭހަކޮށްދިނުމަށާއި، ޕްރައިވެޓް ސެކްޓަރުގެ އިންވެސްޓްމަންޓް ލިބޭނެ މާހައުލެއް ގާއިމުކުރުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.