ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވި ގޮތުގައި، ކޮންމެ މުޖުތަމަޢެއްގެވެސް ކުރިއެރުމާއި ތަރައްޤީއަށްޓަކައި ކުރެވޭނެ އެންމެ ފައިދާހުރި އިންވެސްޓްމަންޓަކީ އިންސާނީ ވަޞީލަތް ތަރައްޤީކޮށް މީހުން ބިނާކުރުމެވެ.
އެކަމަނާ މިހެން ވިދާޅުވީ، 13 ވަނަ މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލުމިނަރީގެ ތެރެއިން ބޭއްވި 8 ވަނަ 'ފަސްޓް ލޭޑީސް އިނިޝިއޭޓިވް ސަމިޓް' ގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި އޮންލައިންކޮށް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ. މި ސަމިޓްގައި މެޑަމް ސާޖިދާ ވަނީ، ޖިއޮގްރަފީގެ ގޮތުން ކިތަންމެ ދުރުގައި އޮތް ނަމަވެސް، ރަށްފުށުގައި ދިރިއުޅޭ ކުދިންނަށްވެސް ވެރިރަށުގެ ކުދިންނެކޭ އެއްފަދައިން ޞިއްޙީ ފަރުވާއާއި ދުޅަހެޔޮ މުސްތަޤުބަލެއް ބިނާކުރުމުގެ ހަމަހަމަ ފުރުޞަތު އޮންނަންޖެހޭނެކަން ފާހަގަކުރައްވާފައެވެ.
ރާއްޖެއާއި މެރކް ފައުންޑޭޝަނާ ދެމެދު އޮންނަ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، އެކަމަނާ ވަނީ މި ގުޅުމުގެ ތެރެއިން ލިބިފައިވާ ކާމިޔާބީތައް ޙިއްޞާކުރައްވާފައެވެ. މިގޮތުން، ފާޓިލިޓީ، އެންޑޯކްރިނޮލޮޖީ، އަދި ޕީޑިއޭޓްރިކްސް ފަދަ ޞިއްޙީ އެކި ދާއިރާތަކުން 13 ސްކޮލަރޝިޕް، މީޑިއާ އާއި ފެޝަން ޑިޒައިނިންގ ފަދަ ފަންނީ ދާއިރާތަކުން 8 ކްރިއޭޓިވް އެވޯޑް، އަދި 'އެޑިއުކޭޓިންގް ލިންޑާ' ޕްރޮގްރާމްގެ ދަށުން 3000 ސްކޫލް ކުދިންނަށް ބޭނުންވާ ސާމާނު ރާއްޖެއަށް ލިބިފައިވާކަން އެކަމަނާ އުފަލާއެކު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ދެމެހެއްޓެނިވި ތަރައްޤީ ގެނެވޭނީ ހަމައެކަނި ޢުމްރާނީ ބިނާތަކުން ނޫންކަމަށާއި، އެއީ އޯގާތެރިކަމާއި އެއްބައިވަންތަކަމުގެ މައްޗަށް ބިނާވާ ކަމެއްކަމަށް ފަސްޓް ލޭޑީ ވިދާޅުވިއެވެ. މެރކް ފައުންޑޭޝަންގެ 'މޯ ދޭން އަ މަދަރ' ޕްރޮގްރާމްގެ އެމްބެސެޑަރުގެ ހައިސިއްޔަތުން އެކަމަނާ ވަނީ، ދަރިމައިނުވުމުގެ މައްސަލަތައް ތަޙައްމަލުކުރާ ފަރާތްތަކާމެދު މުޖުތަމަޢުން ގެންގުޅޭ ބަދުނާމުކުރުންތަކާއި ތަފާތުކުރުންތައް ނައްތާލައި، އެމީހުންނަށް ހަމްދަރުދީއާއި އިޙްތިރާމް އަދާކުރުމަށް ގޮވާލައްވާފައެވެ. އަދި ޞިއްޙަތާއި، ފުރުޞަތުތަކާއި، އަބުރުވެރިކަމަކީ ހަމައެކަނި ވަކި ބަޔަކަށް ލިބޭ އިމްތިޔާޒެއްގެ ބަދަލުގައި އެންމެންގެ އަސާސީ ޙައްޤަކަށް ހެދުމަށް ގުޅިގެން މަސައްކަތްކުރުމަށް އެކަމަނާ ވަނީ ބާރުއަޅުއްވާފައެވެ. އެކަމަނާގެ ވާހަކަފުޅު ނިންމަވާލެއްވީ މެރކް ފައުންޑޭޝަނުން ކުރަމުންދާ މަސައްކަތްތަކަށް ތަޢުރީފުކުރައްވައި، އެ ފައުންޑޭޝަންގެ 9 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވަމުންނެވެ.
ކޮމެންޓު ފޮނުވާ