ދުނިޔޭގެ އެންމެ ބޮޑު އެއް އޮންލައިން ޕޭމަންޓް ޕްލެޓްފޯމް ކަމަށްވާ "ޕޭޕަލް" ގެ ޚިދުމަތް އުރީދޫ މޯލްޑިވްސް އިން ރާއްޖެއަށް ތަޢާރަފްކޮށްފިއެވެ.
އުރީދޫ އެމްފައިސާ މެދުވެރިކޮށް މި ޚިދުމަތް ތަޢާރަފްކުރުމަށް ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝާޑީ ގަވަސްމީ ވިދާޅުވީ، އެ ކުންފުނީގެ އަމާޒަކީ ބައިނަލްއަޤްވާމީ ފެންވަރުގެ ޚިދުމަތްތަކާއި ފުރުޞަތުތައް ދިވެހިންނަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި މިއީ ޑިޖިޓަލް ރާއްޖެއަކަށް ވާސިލުވުމަށް ކުރާ ދަތުރުގައި ދިވެހި ވިޔަފާރިތަކާއި ޒުވާނުން ބާރުވެރިކުރުވާނެ މުހިންމު ފިޔަވަޅެއްކަން އޭނާ ފާހަގަކުރެއްވިއެވެ. މި ރަސްމިއްޔާތުގައި، ޕޭޕަލް ރާއްޖެއަށް ގެނައުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި މަސައްކަތްޕުޅު ފާހަގަކޮށް، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވަނީ ރައީސަށް ޚާއްޞަ ހަނދާނީ ފިލައެއް އަރުވާފައެވެ.
މި ރަސްމިއްޔާތުގައި އުރީދޫ ގްރޫޕުގެ ރީޖަނަލް ސީއީއޯ އަލް ނައިމާ އަދި ޕޭޕަލްގެ ދެކުނު އޭޝިއާ ސަރަޙައްދުގެ ނައިބު ރައީސް އާމިރު ވިލިއާނީ ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެބޭފުޅުން ވަނީ މި ޚިދުމަތުގެ ސަބަބުން ކުދި ވިޔަފާރިތަކަށާއި ފްރީލާންސަރުންނަށް އޮތް ފައިދާތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. ޚާއްޞަކޮށް ރާއްޖެފަދަ ޖަޒީރާ ގައުމަކަށް އިތުބާރު ހިފޭ ޑިޖިޓަލް މާލީ ޚިދުމަތްތަކުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފްވުމާއެކު، ރާއްޖޭގައި ތިބެގެން އޮންލައިންކޮށް މަސައްކަތްކުރާ ފަރާތްތަކަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭރު ގައުމުތަކުން ފަސޭހަކަމާއެކު ފައިސާ ލިބޭނެ މަގު މިހާރު ވަނީ ތަނަވަސްވެފައެވެ. މިއީ ރާއްޖޭގެ ޑިޖިޓަލް އަދި ކްރިއޭޓިވް އިޤްތިޞާދު ކުރިއެރުވުމަށް އެޅުނު ވަރަށް މުހިންމު ފާލަމެކެވެ.
ކޮމެންޓު ފޮނުވާ