މަގުބޫލު އުޒުރަކާ ނުލައި ގަސްތުގައި ރޯދަ ދޫކޮށްލި ދިވެހި ފިރިހެނަކު 27 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ މިދިޔަ މާޗު މަހުގެ 16 ވަނަ ދުވަހު (ރަމަޟާން މަހުގެ 28 ވަނަ ދުވަހު) ދުވާލުގެ ވަގުތެއްގައި، ދިވެހި ފުލުހުންގެ މައި އިދާރާ ކަމަށްވާ ޝަހީދު ހުސައިން އާދަމް ބިލްޑިންގުގެ ޕީއާރުޔޫ ކައުންޓަރު ކައިރީގައި އިނދެ އެނާޖީ ޑްރިންކެއް ބުއި މައްސަލައެކެވެ. މި ހާދިސާއާ ގުޅިގެން އޭނާ ހައްޔަރުކޮށް، މައްސަލަ ތަހުގީގުކުރުމަށް 16 ދުވަސް ވަންދެން ބަންދުގައި ބަހައްޓާފައިވެއެވެ.
ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ޝަރީއަތުގެ މަޖިލީހުގައި އޭނާ ވަނީ ދައުލަތުން އުފުލި ދައުވާއަށް އިއުތިރާފުވެފައެވެ. އެހެންކަމުން، މި ޖޫން މަހުގެ 9 ވަނަ ދުވަހު ކޯޓުން ވަނީ ރޯދަ ދޫކޮށްލުމުގެ ކުށުގައި އޭނާ 27 ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ. ނަމަވެސް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ތަހުގީގާއި ޝަރީއަތުގެ މަރުހަލާގައި އޭނާ ބަންދުގައި ހޭދަކުރި 16 ދުވަސް ހުކުމުގެ މުއްދަތުން އުނިކުރުމުން، އޭނާ ދެން ތަންފީޒުކުރަން ޖެހޭނީ ބާކީ އޮތް 11 ދުވަހުގެ ޖަލު ހުކުމެކެވެ.
ރަމަޟާން މަހު ރޯދަ ހިފުމަކީ އިސްލާމްދީނުގެ މައިގަނޑު އެއް ރުކުނެވެ. ޝަރުއީ ގޮތުން ހުއްދަ އުޒުރަކާ ނުލައި ރޯދަ ދޫކޮށްލުމަކީ އިސްލާމީ ޝަރީއަތުގައި ހަރާމް ކުރައްވާފައިވާ ކަމެކެވެ. ހަމައެހެންމެ، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 616 ވަނަ މާއްދާގެ ދަށުން، މަގުބޫލު ދީނީ ނުވަތަ ސިއްހީ ސަބަބަކާ ނުލައި ރަމަޟާން މަހު ރޯދަ ނުހިފުމަކީ ނުވަތަ ރޯދަ ދޫކޮށްލުމަކީ ޖިނާއީ ކުށެކެވެ.
ކޮމެންޓު ފޮނުވާ