ޣައްޒާގެ ދެކުނުގައި ހުންނަ ޚާން ޔޫނިސްގެ އަލްމަވާސީ ސަރަޙައްދަށް އިސްރާއީލުން ދިން ޑްރޯން ހަމަލާއެއްގައި، ޙަމާސްގެ ރަފަޙް ބްރިގޭޑްގެ ކޮމާންޑަރު ސަމީރު މަޙްމޫދު އަބޫ ޔޫނިސް ޝަހީދުވެއްޖެކަން ޙަމާސްއިން ކަށަވަރުކޮށްފިއެވެ.
ހޮނިހިރު ދުވަހު ދިން މި ހަމަލާ ދިނީ ޙަމާސްގެ އަސްކަރީ ގޮފީގެ އިސް ކޮމާންޑަރަކަށް އަމާޒުކޮށްގެން ކަމަށް، އިސްރާއީލުގެ އަސްކަރިއްޔާއާއި ޝިން ބެޓުން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
53 އަހަރުގެ އަބޫ ޔޫނިސް، 1991 ވަނަ އަހަރު އަލްޤައްސާމް ބްރިގޭޑްސްއާ ގުޅުއްވި ފަހުން ރަފަޙްގައި ތަފާތު އަސްކަރީ އިސް މަޤާމުތައް ފުރުއްވާފައިވެއެވެ. ރަފަޙް ބްރިގޭޑްގެ ވެރިކަމާ އޭނާ ހަވާލުވެވަޑައިގަތީ، ކުރީގެ ކޮމާންޑަރު ނާއިލް އަބޫ އުބައިދު މިދިޔަ ސެޕްޓެމްބަރު މަހު އިސްރާއީލުގެ ހަމަލާއެއްގައި ޝަހީދުވުމުންނެވެ. އަލްޤައްސާމްގެ ޖެނެރަލް މިލިޓަރީ ކައުންސިލްގެ މެންބަރެއްވެސް ކަމުގައިވާ އޭނާގެ ޖަނާޒާ މިއަދު މެންދުރުފަހު ޚާން ޔޫނިސްގައި ބާއްވާނެއެވެ.
ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅޭ ފޭލިގެއަކަށް ދިން މި ހަމަލާގައި އިތުރު ދެ މީހަކު ޒަޚަމްވެފައިވާއިރު، އެ މީހުން ނާޞިރު މެޑިކަލް ކޮމްޕްލެކްސްއަށް ގެންގޮސްފައިވެއެވެ. އިސްރާއީލުން ވެސް އަލްމަވާސީ ކަނޑައަޅާފައިވަނީ އިންސާނީ އެހީގެ ރައްކާތެރި ސަރަޙައްދެއްގެ ގޮތުގައި ނަމަވެސް، އެ ސަރަޙައްދަށް ތަކުރާރުކޮށް ހަމަލާދެމުން ދެއެވެ.
ޣައްޒާގެ ޞިއްޙީ ވުޒާރާއިން ހޮނިހިރު ދުވަހު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި 16 މީހަކު ޝަހީދުވެ 68 މީހަކު ޒަޚަމްވެފައިވެއެވެ. 2025 ވަނަ އަހަރުގެ އޮކްޓޫބަރު 11 ގައި ހަމަލާ ހުއްޓާލުމުގެ އެއްބަސްވުން ފެށުނު ފަހުން މަދުވެގެން 1,643 މީހުން ޝަހީދުވެފައިވާއިރު، 2023 ވަނަ އަހަރު ހަނގުރާމަ ފެށުނު ފަހުން ޝަހީދުވި މީހުންގެ ޖުމްލަ އަދަދު 74,695 އަށް އަރާފައިވެއެވެ.
މީގެ އިތުރުން، ނުވަ މަހުގެ ކުއްޖަކު ހައިޕޯތާމިއާ ޖެހިގެން ނިޔާވުމާއެކު، ފިނީގެ ސަބަބުން ޣައްޒާގައި ނިޔާވި މީހުންގެ އަދަދު 11 އަށް އަރާފައިވެއެވެ. ބޯވާރޭގެ ސަބަބުން ފޭލިގެތަކަށާއި ހަލާކުވެފައިވާ ޢިމާރާތްތަކަށް ފެން ވަދެ، ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު އިތުރަށް ގޯސްވެފައިވެއެވެ.
ކޮމެންޓު ފޮނުވާ