އެކަކު އަނެކަކަށް އިޙްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫޢު އިފްތިތާޙު ކުރައްވައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށް ވާތީ ދިވެހިން ވާންޖެހޭނީ އެކަކު އަނެކަކުގެ ލެޔާއި މުދަލާއި ޢަބުރު ރައްކާތެރިކުރާ ބަޔަކަށް ކަމަށެވެ.
ރައީސް ފާހަގަކުރެއްވީ، އިސްލާމްވަންތަކަމާއި ދިވެހިވަންތަކަމުގެ ރޫޙަކީ އެކަކު އަނެކަކަށް ޤަދަރުކުރުން ކަމަށެވެ. އިހާނެތިކޮށް ހިތުމާއި، ނުރުހޭ ނަންނަމުން ގޮވުމާއި، ދަށްކޮށްލުމާއި، ޣީބަބުނުމާއި ފުރައްސާރަކުރުން ފަދަ ކަންކަމުން ދުރުހެލިވުމަށް ރައީސް ގޮވާލެއްވި އެވެ.
ފުރައްސާރައާއި ޣީބަބުނުމާއި ދޮގުހެދުމުން ދިވެހި މުޖުތަމަޢު ސާފުކޮށްފިނަމަ، އިޙްތިރާމް އަދާކުރުމުގެ ލާމަސީލު މިސާލަކަށް ރާއްޖެ ވެގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އިޙްތިރާމަކީ ލޮލަށް ނުފެންނަ މުޑުވަކަށް ވިޔަސް، އެ މުޑުވަކުން ހެދޭ ގަހުގެ ހިޔާ ވަރަށް ބޭނުންތެރި ކަމަށާއި، އޭގެ މޭވާއަކީ ހިތްތަކަށް ލިބޭ ތަސައްލީއެއް ކަމަށެވެ. ޒަމާނީ ނަފްސާނީ ޢިލްމުގެ ހޯދުންތަކުން ދައްކާ ގޮތުން، އިޙްތިރާމް ކުރުމުން މުޖުތަމަޢުގައި ގާތްކަން އިތުރުވެ، ހަމަޖެހުމާއި އުފާވެރިކަމާއި ރައްކާތެރިކަން ލިބޭ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ކޮމެންޓު ފޮނުވާ