ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މިރޭ ބަންދުވަނީ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މިރޭ ބަންދުވަނީ

Author
އަހުމަދު
15 ޖޫން 2026 11:18
0

ސަރުކާރުން ކުރިއަށްގެންދާ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ގޯއްޗާއި ފުލެޓަށް އެދި ފޯމު ހުށަހެޅުމަށް ދީފައިވާ މުއްދަތު މިރޭ 23:59 އަށް ހަމަވާނެއެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ކުރިން މި މުއްދަތު މެއި 31 ގެ ނިޔަލަށް ކަނޑައަޅާފައި އޮތް ނަމަވެސް، ފަހުން ވަނީ ޚާއްސަ ހާލަތަކާ ގުޅިގެން މުއްދަތު އިތުރުކޮށްދީފައެވެ. ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒިމް މުހައްމަދު ވިދާޅުވި ގޮތުގައި މިރޭގެ ނިޔަލަށް މި ފުރުސަތު ބަންދުވުމަށްފަހު ދެން އިތުރު ފުރުސަތެއް ނުދެވޭނެއެވެ. އެހެންކަމުން، ޕޯޓަލްގައިވާ މައުލޫމާތުތަކާއި އުސޫލުތައް ރަނގަޅަށް ކިޔުމަށްފަހު ސަމާލުކަމާއެކު ފޯމު ހުށަހެޅުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.

މި ބޮޑު ސްކީމުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދާއި ރަސްމާލެ ހިމެނޭހެން 15،000 ގޯތި އަދި މާލެ ސަރަހައްދުން 7،900 ފުލެޓް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި މާލޭގެ ރަށްވެހިންނަށާއި، އަތޮޅުތެރޭގެ ރައްޔިތުންނަށް އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ފަދަ ޚާއްސަ ކެޓަގަރީތަކަށް ވަކި އަދަދުތަކެއް ވަނީ ކަނޑައެޅިފައެވެ.

މީގެ އިތުރުން، އާންމުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން އުސޫލުތަކަށް ވަނީ މުހިންމު ބަދަލުތަކެއްވެސް ގެނެސްފައެވެ. އެގޮތުން، ފިރިމީހާ ނުވަތަ އަނބިމީހާގެ ނަމުގައި ބޯހިޔާވަހިކަމެއް އޮތް ނަމަވެސް އަނެކާއަށް ގޯއްޗަށް ކުރިމަތިލެވޭ ގޮތަށާއި، ކުރިން ޖޮއިންޓްކޮށް ގޯތި ލިބުނު ފަރާތްތަކަށް އެ ގޯތި ދޫކޮށްލުމަށްފަހު ވަކިން ކުރިމަތިލެވޭނެ ގޮތަށް މިހާރު ވަނީ ހުޅުވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.