ހުޅުމާލޭގެ އާންމު ސަރަހައްދެއްގައި ހިންދޫ ދީނުގެ އަޅުކަމެއް ކުރި ނޭޕާލްގެ އަންހެނަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، ހުޅުމާލޭގެ ދެ ފިޔަވަހި ގުޅުވައިދޭ ބްރިޖު ސަރަހައްދުގައި 44 އަހަރުގެ އެ އަންހެންމީހާ އަޅުކަން ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވުމުން، އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައީ ޖުލައި 25 ވަނަ ދުވަހު ކަމަށެވެ. އޭނާ ހޯދައި ހައްޔަރުކުރީ މިދިޔަ އަންގާރަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ ތަހުގީގުން އެނގުނު ގޮތުގައި، އެ އަންހެންމީހާ އަކީ 2024 ވަނަ އަހަރުން ފެށިގެން އިމިގްރޭޝަން ގާނޫނާ ހިލާފަށް ރާއްޖޭގައި ދިރިއުޅެމުން ދިޔަ މީހެކެވެ. އެހެންކަމުން ފުލުހުން ފުރިހަމަކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، އިމިގްރޭޝަން ގާނޫނުގެ ދަށުން އިތުރު ފިޔަވަޅު އެޅުމަށްޓަކައި އޭނާ މިހާރު ވަނީ މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ.
އިމިގްރޭޝަން ގާނޫނާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނާ މެދު އާންމުކޮށް އަޅާ ފިޔަވަޅަކީ ޑިޕޯޓްކޮށްލުމެވެ.
ދިވެހިރާއްޖެއަކީ ސައްތައިންސައްތަ މުސްލިމު ގައުމަކަށްވެފައި، އިސްލާމްދީން ނޫން އެހެން ދީނަކަށް އާންމު ތަނެއްގައި އަޅުކަން ކުރުމަކީ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާއި ގަވާއިދުގެ ދަށުން މަނާ ކަމެކެވެ.
ކޮމެންޓު ފޮނުވާ