އެމްޑީޕީ ކޮންގްރެސްއަށް އަސާސީ ގަވާއިދާއި ސިޔާސަތުތަކަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޑީޕީ ކޮންގްރެސްއަށް އަސާސީ ގަވާއިދާއި ސިޔާސަތުތަކަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

Author
އަހުމަދު
06 އޮގަސްޓް 2026 08:56
0

އަންނަ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ކޮންގްރެސްއަށް، އެ ޕާޓީގެ އަސާސީ ގަވާއިދަށާއި ސިޔާސަތުތަކަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލައިފިއެވެ.

އެމްޑީޕީން އިއްޔެ އާއްމުކުރި ކޮންގްރެސްގެ ތާވަލުގައިވާ ގޮތުން، ސިޔާސަތުތަކާއި އަސާސީ ގަވާއިދަށް ގެންނަން ބޭނުންވާ އިސްލާހުތައް ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 19 ވަނަ ދުވަހުގެ މެންދުރު 12:30 އެވެ. މި ހުށަހެޅުންތައް އޮންލައިންކޮށް ހުށަހެޅޭނެ އިންތިޒާމް ޕާޓީން ވަނީ ހަމަޖައްސާފައެވެ. ހުށަހެޅޭ ސިޔާސަތުތަކާއި އިސްލާހުތައް މިމަހުގެ 31 ވަނަ ދުވަހު އާއްމުކުރާނެ ކަމަށާއި، އެ ކަންކަމާ މެދު ގޮތެއް ނިންމާނީ ކޮންގްރެސްގެ ތެރެއިން ކަމަށް ޕާޓީން ބުނެއެވެ.

މީގެ އިތުރުން، ކޮންގްރެސްގައި ބައިވެރިވެވޭނެ ގޮފިތައް ރަޖިސްޓަރީކުރުމުގެ ފުރުސަތުވެސް މިމަހުގެ 19 ވަނަ ދުވަހުގެ 12:30 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އެ މުއްދަތުގެ ތެރޭގައި ޕާޓީގެ ގޮފިތައް އުސޫލާއި އެއްގޮތްވާ ގޮތުގެ މަތިން ނިންމަންޖެހޭނެ ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.

ތާވަލުގައިވާ ގޮތުން، ކޮންގްރެސްގައި ވޯޓުލެވޭނެ ޑެލިގޭޓުންގެ ލިސްޓު ސެޕްޓެމްބަރު 1 ވަނަ ދުވަހުގެ 13:30 ގެ ކުރިން އާއްމުކުރާނެއެވެ. އަދި ކޮންގްރެސްގެ ބައިވެރިން ރަޖިސްޓަރީވުމުގެ ފުރުސަތު އޮންލައިންކޮށް ހުޅުވާލާނީ ސެޕްޓެމްބަރު 5 ވަނަ ދުވަހުއެވެ. ބައިވެރިން ރަޖިސްޓަރީވުމަށް ދޭ މުއްދަތު ހަމަވާނީ ސެޕްޓެމްބަރު 20 ވަނަ ދުވަހުގެ 12:30 އަށެވެ.

ސެޕްޓެމްބަރު މަހު ކޮންގްރެސް ބާއްވަން ނިންމީ މިމަހުގެ 2 ވަނަ ދުވަހު ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ހަތަރުވަނަ ދައުރުގެ 36 ވަނަ ބައްދަލުވުމުގައެވެ. އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން، ކޮންމެ ފަސް އަހަރަކުން އެއް އަހަރު އެ ޕާޓީގެ ކޮންގްރެސް ބާއްވަންޖެހޭއިރު، ވަކި ޝަރުތުތަކެއްގެ މަތިން ކޮންމެ އަހަރަކުވެސް ކޮންގްރެސްގެ އާދަޔާ ޚިލާފު ބައްދަލުވުމެއް ބޭއްވުމުގެ ފުރުސަތު އޮވެއެވެ. އެމްޑީޕީން އެންމެ ފަހުން ކޮންގްރެސްއެއް ބާއްވާފައި ވަނީ 2022 ވަނަ އަހަރުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.