ގދ. ތިނަދޫ ސިޓީ ކައުންސިލުން ބީލަމަކާ ނުލައި އަމިއްލަ ކުންފުންޏަކަށް ބިންތަކެއް ދޫކުރި މައްސަލައިގައި، އެ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް ދައުވާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފިއެވެ.
އޭސީސީން ބުނާ ގޮތުގައި، ސިނާއީ ނުވަތަ ވިޔަފާރީގެ ބޭނުމަށް ދޫކުރާ ބިންތައް ބީލަމަށް ހުޅުވާލަން ޖެހޭނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައި އޮތް ނަމަވެސް، ސައުދު ވަނީ ކުންފުންޏަކަށް ގަވާއިދާ ހިލާފަށް ބިމެއް ދޫކުރަން ނިންމައި އެއްބަސްވުމުގައި ސޮއިކޮށް، އިތުރު ތިން ބިމެއް ވެސް އެ ކުންފުންޏަށް ދޫކޮށްފައެވެ. މި މައްސަލައިގައި، ކައުންސިލް ބައްދަލުވުމުގައި ބިން ދޫކުރަން ތާއީދުކުރި ތިން ކައުންސިލަރެއް ކަމަށްވާ އާމިނަތު ނަސީމާ، އަހުމީމާ އަހްމަދު އަދި އާއިޝަތު ލިއުޝާ ޒުބައިރުގެ މައްޗަށް ވެސް ދައުވާ ކުރަން ފޮނުވުމަށް ވަނީ ނިންމައިފައެވެ. މި އެންމެންގެ މައްޗަށް ވެސް ކުރަން ހުށަހަޅާފައި ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއެވެ.
ސައުދުގެ މައްޗަށް މީގެ ކުރިން ވެސް ދެ ދައުވާއެއް ވަނީ ހުށަހަޅައިފައެވެ. އެއީ ތިނަދޫއަކީ ސިޓީއެއްގެ ގޮތުގައި ކަނޑައެޅުމުގައި ގާނޫނާ ހިލާފުވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި، އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމާއި، ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާއެވެ.
ކޮމެންޓު ފޮނުވާ