ނަޝީދަށް ހުތުރު ބަހުން ފާޑުކީ ހައިކޯޓުގެ ކުރީގެ ޑީޑީޖީ ވަކިކުރުމުގައި މައްސަލައެއް ނެތް: ސުޕްރީމް ކޯޓު

ނަޝީދަށް ހުތުރު ބަހުން ފާޑުކީ ހައިކޯޓުގެ ކުރީގެ ޑީޑީޖީ ވަކިކުރުމުގައި މައްސަލައެއް ނެތް: ސުޕްރީމް ކޯޓު

Author
އަހުމަދު
25 ނޮވެމްބަރ 2026 10:09
0

 

ފޭސްބުކް މެދުވެރިކޮށް ރައީސް މުޙައްމަދު ނަޝީދާއި ސިޔާސީ ފަރާތްތަކަށާއި ޖޭއެސްސީއަށް އަމާޒުކޮށް ބޭއަދަބީ ބަސްމަގުން ޕޯސްޓުތައް ކުރި މައްސަލައިގައި ހައިކޯޓުގެ ކުރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް، މ. މޮޑަންކޮމެޓް މުޙައްމަދު ނިޒާމް ވަޒީފާއިން ވަކިކުރީ ޤާނޫނާ އެއްގޮތަށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ. މި ނިންމުން ނިންމެވީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން އެއްބަސްވެވަޑައިގެންނެވެ.

2019 ވަނަ އަހަރުގެ ޖޫން މަހު ކުރި ޕޯސްޓުތަކާ ގުޅިގެން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއާއި ވިސްލްބްލޯވަރަކު ހުށަހެޅި ޝަކުވާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބެލުމަށްފަހު، އެ އަހަރުގެ ޑިސެމްބަރު 5 ގައި ނޯޓިސް ނުދީ ނިޒާމް ވަޒީފާއިން ވަކިކުރިއެވެ.

ނިޒާމް ކޯޓުގައި ބުނީ އެ އެކައުންޓަކީ އޭނާގެ އެކައުންޓެއް ނޫން ކަމަށާއި، އެއީ ހެކްކޮށްފައިވާ އެކައުންޓެއް ކަމަށެވެ. ނަމަވެސް އެ އެކައުންޓުގައި އޭނާގެ ދަރިންގެ ފޮޓޯތަކާއި ޒާތީ މަޢުލޫމާތާއި، މާސްޓަރސް ތީސިސްގެ ކަވަރުގެ ފޮޓޯ ހުރިކަމާއި، ހެކްވި ކަމަށް ބުނުމަށްފަހުވެސް އޭނާ އެ އެކައުންޓް ބޭނުންކޮށްފައިވާކަން ސުޕްރީމް ކޯޓުން ފާހަގަކުރެއްވިއެވެ. ހެކްކުރި ކަމުގެ އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާތީ އެ ދިފާޢު ސާބިތުނުވާ ކަމަށް ވެސް ކޯޓުން ކަނޑައެޅިއެވެ.

އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދުގެ ރައުޔުގައި ފާހަގަކުރައްވާފައިވަނީ، ތުހުމަތުތަކަށް ޖަވާބުދާރީވުމުގެ ފުރުސަތު ނިޒާމަށް ދީފައިވާ ކަމަށާއި، ޝަރުޢީ ދާއިރާގެ އިސް މަޤާމެއްގައި ހުރެ ސިޔާސީ ގޮތުން ވަކި ފަރާތަކަށް ޖެހި މިފަދަ ބަސްމަގު ބޭނުންކުރުމަކީ ފާޅުކަން ބޮޑު ޣައިރު ސުލޫކީ ޢަމަލެއް ކަމަށެވެ. އެހެންކަމުން، ނިޒާމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ބަދަލު ނަގައިދިނުމަށް ހައިކޯޓުން ކުރި ޙުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފިއެވެ.

މި މައްސަލަ ބެއްލެވި ބެންޗުގައި އުއްތަމަ ފަނޑިޔާރުގެ އިތުރުން ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިނާއި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ހިމެނިވަޑައިގެންނެވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.