ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް ދޭ މާލީ އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން މިއަދު ހުޅުވާލައިފިއެވެ.
މި ފުރުސަތު ލިބޭނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ނޫސް މަޖައްލާތަކާއި ލައިސަންސް ލިބިފައިވާ އަމިއްލަ ބްރޯޑްކާސްޓަރުންނަށެވެ. ހުށަހަޅަންވާނީ "ވަންގަވް" ތެރޭގައިވާ މީޑިއާއެޕް (https://mediaapp.one.gov.mv) މެދުވެރިކޮށް، ޑިސެމްބަރު 17 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިންނެވެ.
މިއަހަރު މި އުސޫލުގެ ދަށުން ދޫކުރާނީ ދައުލަތުގެ ބަޖެޓުގެ 0.1 އިންސައްތައާ އެއްވަރުގެ 35.1 މިލިއަން ރުފިޔާއެވެ. މި ފައިސާ ދޭނީ އެއް ފަހަރާއެވެ.
އެހީ ލިބޭނެ ފަރާތްތައް ކަނޑައަޅާނީ މީޑިއާ ހިންގަމުން އައި މުއްދަތު، މުވައްޒަފުންގެ އަދަދާއި ތައުލީމާއި ތަޖުރިބާ، އިދާރީ ނިޒާމު، ބިޒްނަސް ޕްލޭން އަދި ކޮންޓެންޓުގެ ބާވަތްތައް ބަލައިގެންނެވެ. ބްރޯޑްކާސްޓިންގ ގާނޫނާއި މީޑިއާ ރެގިއުލޭޝަންގެ ގާނޫނުގެ ދަށުން ފާއިތުވި ދެ އަހަރުގެ ތެރޭ ފިޔަވަޅު އަޅާފައިވާ މީޑިއާތަކަށް، ކޮންމެ ފިޔަވަޅަކަށް ތިން މާކްސް ކެނޑޭނެއެވެ.
އެއް ފަރާތަކުން ގިނަ މީޑިއާ ހިންގި ނަމަވެސް ހުށަހެޅޭނީ އެންމެ މީޑިއާއަކަށް، އެއް އެޕްލިކޭޝަނެވެ. ކޮންމެ މީޑިއާއަކަށް ދެ މީޑިއަމް އިހުތިޔާރުކުރެވޭނެ ނަމަވެސް، ދެ މީޑިއަމް ވާންވާނީ ތަފާތު ބާވަތްތަކުގެ މީޑިއަމްތަކަށެވެ.
އަމިއްލަ މީޑިއާތަކަށް މާލީ އެހީ ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.
ކޮމެންޓު ފޮނުވާ