ހުވަދޫ ކަނޑުގައި ފެތުނު ސަޕްލައި ދޯނި ސަލާމަތްކުރަން އުޅެނިކޮށް ގެއްލުނު ސިފައިންގެ އޮފިސަރު އިބްރާހިމް އަހުމަދު ނިޔާވި ކަމަށް ކަނޑައަޅައިފި އެވެ. އޭނާގެ މައްޗަށް ޣައިބުގައި ކަށުނަމާދު ކުރާނީ މި ހުކުރު ދުވަހު، ހުކުރު ނަމާދަށް ފަހު ސަލްމާން މިސްކިތުގަ އެވެ.
މިދިޔަ އޮގަސްޓު 5 ގައި ގެއްލުނު އިބްރާހިމް ނިޔާވި ކަމަށް ކަނޑައަޅަން ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅީ އޭނާގެ އާއިލާގެ ފަރާތުންނެވެ. ތިނަދޫއަކީ އިބްރާހިމްގެ އުފަން ރަށެވެ.
ހާދިސާ ހިނގި ދޯނީގައި ކައްޕި މުހައްމަދު ހަމްދޫނާއި ހަތް ބިދޭސީންނާ އެކު ޖުމްލަ އަށް މީހުން ތިއްބެވެ. ހަމްދޫން ފިޔަވައި ދޯނީގައި ތިބި އެހެން އެންމެން ސަލާމަތްވި އެވެ. ދޯނި ސަލާމަތްކުރުމުގެ މަސައްކަތުގެ ތެރޭގައި އިބްރާހިމް އަހުމަދާއި ފުލުހަކަށް ހުރި އަލީ ނާފިއު ވެސް ގެއްލުނެވެ. މި ތިން މީހުން ގެއްލުނީ ދޯނީގެ ދިޔަ ހިއްކަން އުޅެނިކޮށް ކަމަށް ބެލެވެ އެވެ.
އާންމުވި ވީޑިއޯއަކުން ފެންނަ ގޮތުގައި ދޯންޏަށް ދިޔަވެގެން ގޮސް ދޯނީގެ އެއްކޮޅު ފުރަތަމަ އަޑިއަށް ދިޔަ އެވެ. ދެން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި މުޅި ދޯނި ވެސް އޮލަނބަށް ކަނޑަށް ދިޔަ އެވެ.
އެމްއެންޑީއެފުން ބުނީ ދޯނި ފެތިފައިވާ ސަރަހައްދުގެ ފުންމިން 1،600 މީޓަރަށް ވުރެ ބޮޑުވާނެ ކަމަށް ބެލެވޭ ކަމަށެވެ. އެއީ އިންސާނުންނަށް ޑައިވް ކުރެވޭނެ ފުންމިނެއް ނޫނެވެ. ހަނގުރާމައިގައި ބޭނުންކުރާ ސަބްމެރިންތަކަށް ވެސް އެ ފުންމިނަކަށް ނުދެވޭނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ކޮމެންޓު ފޮނުވާ