ޑީޖޭއޭގެ އިސްތިއުނާފު ބާތިލު: އާތިކާއަށް މުސާރައާއި އިނާޔަތްތައް ދޭން އަމުރުކޮށްފި

ޑީޖޭއޭގެ އިސްތިއުނާފު ބާތިލު: އާތިކާއަށް މުސާރައާއި އިނާޔަތްތައް ދޭން އަމުރުކޮށްފި

Author
އަހުމަދު
25 ނޮވެމްބަރ 2026 10:09
0

 

ސުޕްރީމް ކޯޓުގެ ޑިރެކްޓަރުކަމުން ވަކިކުރި އާތިކާ އިބްރާހިމް އަލުން ވަޒީފާއަށް ނެރުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ކުރި ނިންމުން ހައި ކޯޓުން ވެސް ދަމަހައްޓައިފި އެވެ.

އާތިކާ ވަޒީފާއިން ވަކިކުރީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހު، ހާޒިރީ އޮޅުވާލުމާއި މުވައްޒަފުންނަށް ބިރުދެއްކުމުގެ ތުހުމަތުތަކާ ގުޅިގެންނެވެ. 2021 ވަނަ އަހަރުގެ އޯގަސްޓް މަހު ޓްރައިބިއުނަލުން ނިންމީ އޭނާ ވަކިކުރީ މައުޟޫއީ އަދުލުވެރިކަމެއް ނެތި ކަމަށާއި، ވަކިކުރި ދުވަހުން ފެށިގެން މުސާރައާއި އިނާޔަތްތައް ދޭން ވެސް އެވެ. އެ ނިންމުމާ ދެކޮޅަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން (ޑީޖޭއޭ) ހައި ކޯޓަށް އިސްތިއުނާފު ކުރި އެވެ.

ހައި ކޯޓުގެ ތިން ފަނޑިޔާރުން އެއް ބަސްވެ ކުރި ހުކުމުގައި ބުނެފައިވަނީ، ހާޒިރީ އޮޅުވާލި ކަމަށް މުވައްޒަފުން ދީފައިވާ ބަޔާންތަކަކީ ސީދާ ފެނިގެން ދީފައިވާ ބަޔާންތަކެއް ނޫން ކަމަށާއި، ހީވުމުގެ މައްޗަށް ބިނާކޮށް ދީފައިވާ ބަޔާންތައް ކަމަށެވެ. ފިންގަޕްރިންޓް މެޝިނުގެ ރިޕޯޓާއި ހާޒިރީ ރެކޯޑުތަކުން ވެސް ހާޒިރީ އޮޅުވާލި ކަން ސާބިތެއް ނުވާ ކަމަށާއި، ބިރުދެއްކި ކަމުގެ ތުހުމަތަށް ވެސް ފުދޭ ހެކި ނެތް ކަމަށް ހުކުމުގައި ވެ އެވެ.

އާތިކާ އަނބުރާ ވަޒީފާއަށް ގެނެސްފިނަމަ މުވައްޒަފުންގެ ތެރޭގައި ނުތަނަވަސްކަން އުފެދިދާނެ ކަމަށް ޑީޖޭއޭއިން ދެއްކި ވާހަކައަށް ރައްދުދެމުން ކޯޓުން ބުނީ، އިތުބާރު ގެއްލިފައިވާ ކަމަށް ކަނޑައަޅަން ހަރުދަނާ ސަބަބުތަކެއް ހުންނަން ޖެހޭ ކަމަށެވެ. ހަމައެކަނި މުވައްޒަފުން ބަޔާން ދީފައިވުމަކީ ވަޒީފާ އިއާދަނުކުރާނެ ސަބަބެއް ނޫން ކަމަށް ވެސް ކޯޓުން ބުންޏެވެ.

މި މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ، ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު އަބްދުއްރައޫފު އިބްރާހިމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.