ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) މެދުވެރިކޮށް ގިނަ އަދަދެއްގެ ބޭރު ފައިސާ ރާއްޖެއިން ބޭރުކުރަން އުޅުނު ބަންގްލަދޭޝްގެ 6 މީހެއްގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް ޖަހައިފިއެވެ.
މަނީ ލޯންޑަރިންގެ ތުހުމަތުގައި ހައްޔަރުކުރި މި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ، ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތް ހިންގާ ފަރާތްތައް ހޯދުމަށް އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު ޖާސޫސީ މައުލޫމާތަކާ ގުޅިގެން، މި މަހުގެ 18 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.
ސީރިއަލް ޕެކެޓެއްގެ ތެރޭގައި ފޮރުވައިގެން ބޭރުކުރަން އުޅުނު މި ފައިސާގެ ތެރޭގައި 18 ޤައުމެއްގެ ފައިސާ ހިމެނޭއިރު، އޭގެ ތެރޭގައި އެމެރިކާގެ 174,161 ޑޮލަރާއި، 56,760 ޔޫރޯ އަދި 1،815 ސްޓަރލިން ޕައުންޑް ހިމެނެއެވެ. މުޅި ޖުމްލަ ދިވެހި ރުފިޔާއިން ގާތްގަނޑަކަށް 3.86 މިލިއަން ރުފިޔާއަށް އަރައެވެ.
ބަންދަށް 10 ދުވަސް ޖެހީ މުޙައްމަދު މައިނުއްދީން ސަލާހު (35 އަހަރު)، ރަޖިބް (31 އަހަރު)، މުޙައްމަދު ޢަބްދުﷲ (38 އަހަރު)، އަޖްގަރު މިރިދާ (37 އަހަރު)، އެމްޑީ މޮހިއްދީން ޗޯދުރީ (28 އަހަރު) އަދި އެމްޑީ ޝާހިން މިއާ (46 އަހަރު)ގެ ބަންދަށެވެ.
ބަންދު މަޖިލީހުގައި މި 6 މީހުންވެސް ވަނީ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. އެގޮތުން ބައެއް މީހުން ބުނީ އެއާޕޯޓަށް ދިޔައީ މީހަކު ބަލައި ނުވަތަ ފުރުވަން ކަމަށެވެ. އަދި އަނެއްބައި މީހުން ބުނީ ލަގެޖާއި ޕާރުސަލާ ހަވާލުވީ އެހެން ބަޔަކު އެދިގެން ކަމަށާއި، އޭގައި ފައިސާ ހުރިކަން ނޭނގޭ ކަމަށެވެ. ނަމަވެސް ކޯޓު އަމުރުގައި ވާގޮތުން، ތުހުމަތުކުރެވޭ މިންވަރަށް ފުލުހުން ވަނީ އެކަށީގެންވާ ހެކި ހުށަހަޅާފައެވެ.
ކޮމެންޓު ފޮނުވާ