މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އަށް ގަވައިދާ ހިލާފަށް އަގުބޮޑުކޮށް 18 އެއާކޮންޑިޝަން ޔުނިޓް ގަތް މައްސަލައިގައި، އެ ދުވަސްވަރު ކުންފުނީގެ ސީއީއޯގެ މަގާމުގައި ހުންނެވި މުހައްމަދު ޖުނައިދުގެ މައްޗަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
އޭސީސީން މިއަދު ބުނިގޮތުގައި، 2016 އަދި 2017 ވަނަ އަހަރު ހިނގާދިޔަ މި މުއާމަލާތުގައި އޭސީ ޔުނިޓްތައް ގަނެފައިވަނީ އާންމުކޮށް އިއުލާންކުރުމެއް ނެތި، ޑިރެކްޓަރުންގެ ބޯޑުގެ ނިންމުމަކާ ނުލައި، އަދި އެ މަސައްކަތުގެ ތަޖުރިބާ ނެތް ބައެއްގެ އަތުންނެވެ. މީގެ އިތުރުން، މާކެޓް ރޭޓަށްވުރެ 1.08 މިލިއަން ރުފިޔާ އިތުރަށް އެ ތަކެއްޗަށް ދައްކާފައިވާއިރު، ވިއްކި ފަރާތާ ޖުނައިދާ ދެމެދު ގުޅުމެއް އޮތްކަން ވެސް ތަހުގީގުން ހާމަވެފައިވާ ކަމަށް އޭސީސީން ބުންޏެވެ.
މި މަހުގެ 16 ވަނަ ދުވަހު ޕީޖީ އޮފީހަށް ފޮނުވި މި މައްސަލައިގައި ޖުނައިދުގެ އިތުރުން، އޭރު އެމްޕީއެލްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ހެޑްގެ މަގާމުގައި ހުންނެވި އަބްދުލް ވައްހާބުގެ މައްޗަށް ވެސް ދައުވާކުރަން ވަނީ ފޮނުވާފައެވެ. ދެ ބޭފުޅުންގެ މައްޗަށް ވެސް ކުރަން ހުށަހަޅާފައިވަނީ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ދައުވާއާއި، ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރުމުގެ ދައުވާއެވެ.
ކޮމެންޓު ފޮނުވާ