ރިޔާސީ ޕްރައިމަރީއާ ގުޅޭގޮތުން ސޯލިހާއި ފައިސަލް މަޝްވަރާކުރައްވައިފި

ރިޔާސީ ޕްރައިމަރީއާ ގުޅޭގޮތުން ސޯލިހާއި ފައިސަލް މަޝްވަރާކުރައްވައިފި

Author
އަހުމަދު
20 ސެޕްޓެމްބަރ 2026 04:52
0

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ބައްދަލުކުރައްވައި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި އެވެ.

ސޯލްޓް ކެފޭ ހުންނަ އިމާރާތުގައި ހުންނަ ރައީސް ސޯލިހުގެ އޮފީހުގައި ބޭއްވި މި ބައްދަލުވުން ދޮޅު ގަޑިއިރަށް ދެމިގެންދިޔައިރު، ބައްދަލުވުމަށްފަހު ފައިސަލް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ނިންމެވުން ވަރަށް އަވަހަށް ރަސްމީކޮށް އިއުލާނުކުރައްވާނެ ކަމަށެވެ. ރައީސް ސޯލިހުގެ ތާއީދު އެމަނިކުފާނަށް އޮތްތޯ ސާފުކޮށްދެއްވަން ދެކޮޅު ހައްދަވަމުން، އެންމެ މުހިންމު ކަމަކީ 2028 ގައި އެމްޑީޕީއަށް ވެރިކަން ކާމިޔާބުކުރެވުން ކަމަށާއި، ރައީސް ސޯލިހުގެ ނިންމެވުމަކީ ގައުމާއި ރައްޔިތުންގެ މަސްލަހަތު ހިމެނޭ ނިންމެވުމަކަށް ވާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.

ފައިސަލްއާ ބައްދަލުކުރެއްވުމުގެ ކުރިން މިދިޔަ ބުރާސްފަތި ދުވަހު ރައީސް ސޯލިހު ވަނީ މާލޭގެ މޭޔަރު އާދަމް އާޒިމްއާ ވެސް ބައްދަލުކުރައްވާފަ އެވެ. ފައިސަލްއަށް ޕްރައިމަރީ ކާމިޔާބުވެއްޖެ ނަމަ، ރަނިންމޭޓަކަށް ހަމަޖައްސަވާނީ އާޒިމް ކަމަށް އެމްޑީޕީގެ ބައެއް މެންބަރުން ދަނީ ބުނަމުންނެވެ.

އަންނަ އަހަރު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން މިހާތަނަށް ރަސްމީކޮށް އިއުލާނުކުރައްވާފައިވަނީ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި، ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އަދި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. މުހައްމަދު ޝަމްހީދެވެ. މީގެ ތެރެއިން ރަސްމީކޮށް ކެމްޕޭން ފައްޓަވާފައިވަނީ ޝާހިދު އެކަންޏެވެ. ޕާޓީގެ ޗެއާޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޕްރައިމަރީގައި ވާދަނުކުރައްވާނެ ކަމަށާއި، އެމަނިކުފާނުގެ ތާއީދު އޮތީ ފައްޔާޒަށް ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.