ޒަރީރަށް ރުހުން ހޯދުމުގެ މައްސަލަ މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފި

ޒަރީރަށް ރުހުން ހޯދުމުގެ މައްސަލަ މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފި

Author
އަހުމަދު
15 ޖޫން 2026 11:18
0

މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރުގެ މަޤާމަށް އަލަށް އައްޔަންކުރެއްވި ޙަސަން ޒަރީރަށް ރުހުން ދިނުމުގެ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްޢޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޒަރީރު މި މަޤާމަށް އައްޔަންކުރައްވާފައިވަނީ މި މަހުގެ 8 ވަނަ ދުވަހުއެވެ. އޭނާ މި މަޤާމަށް އައްޔަންކުރެއްވީ، ކުރިން އެ މަޤާމުގައި ހުންނެވި މޫސާ ޒަމީރު ސިއްޙީ ހާލަތު ހުރިގޮތުން މަޤާމުގެ ބުރަ މަސްއޫލިއްޔަތު އަދާކުރެއްވުމަށް އުޒުރުވެވަޑައިގެން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަޒީރުންގެ މަޖިލީހަށް އައްޔަންކުރައްވާ ބޭފުޅުންނަށް މަޖިލީހުގެ ރުހުން ހޯދަން ޖެހޭއިރު، މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވަނީ އެ މައްސަލަ ދިރާސާކުރުމަށް ކަމާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވާފައެވެ.

މާލީ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހާސިލުކުރައްވާފައިވާ އަދި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ ޒަރީރަކީ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކޮމިޝަނަރުކަމާއި ޑެޕިއުޓީ ކޮމިޝަނަރުކަން ވެސް ކުރިން ކުރައްވާފައިވާ ބޭފުޅެކެވެ. ތަޢުލީމީ ގޮތުން ބަލާއިރު، އޭނާ ވަނީ މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން އެކައުންޓިންގ ދާއިރާއިން ބެޗްލަރސް ޑިގްރީއެއްގެ އިތުރުން ފިނޭންސް އިން މާސްޓަރސް ޑިގްރީ ހާސިލުކުރައްވާފައެވެ. ކޮމިޓީން މި މައްސަލަ ދިރާސާކުރުމަށްފަހު، ޒަރީރަށް ރުހުން ދިނުމާމެދު މަޖިލީހުގެ ތަޅުމުން ވަރަށް އަވަހަށް ގޮތެއް ނިންމާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.