ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް ޢަބްދުﷲ ޞާދިޤު މިއަދު މެންބަރުކަމުގެ ހުވާ ކުރައްވައިފިއެވެ.
މަޖިލީހުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އޭނާއަށް ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދެވެ. މިމަހުގެ 6 ވަނަ ދުވަހު ބޭއްވި ބައި-އިލެކްޝަން 1،375 ވޯޓާއެކު ޞާދިޤު ކާމިޔާބު ކުރެއްވިއިރު، އެ ދާއިރާގެ ގޮނޑި ހުސްވީ ކުރިން އެ ގޮނޑިއަށް އިންތިޚާބުވި އަޙްމަދު ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް އޮތްކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.
އައްޑޫ ސިޓީގެ މޭޔަރުކަން ޖެހިޖެހިގެން ތިން ދައުރު ކުރެއްވުމުގެ އިތުރުން ނިމިދިޔަ ސަރުކާރުގައި ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރައްވާފައިވާ ޞާދިޤު މަޖިލީހާ ގުޅިވަޑައިގަތުމުން، އިދިކޮޅު އެމްޑީޕީ ތަމްސީލުކުރައްވާ މެންބަރުންގެ އަދަދު ވަނީ 13 އަށް އިތުރުވެފައެވެ. ޖުމްލަ 93 މެންބަރުން ހިމެނޭ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު އޮންނަނީ 74 ގޮނޑިއާއެކު ވެރިކަންކުރާ ޕީއެންސީއަށެވެ. މީގެ އިތުރުން މަޖިލީހުގައި ދެން ތިއްބަވަނީ އެމްޑީއޭގެ ދެ މެންބަރުންނާއި، ޖޭޕީ އަދި އެމްއެންޕީގެ މެންބަރެއްގެ އިތުރުން އަމިއްލަ ދެ މެންބަރުންނެވެ.
ކޮމެންޓު ފޮނުވާ