ޕީއެންސީގެ ކޮންގްރެސް ހުޅުވުމުގެ ރަސްމިއްޔާތުގައި ނަޝީދު ބައިވެރިވެވަޑައިގެންފި

ޕީއެންސީގެ ކޮންގްރެސް ހުޅުވުމުގެ ރަސްމިއްޔާތުގައި ނަޝީދު ބައިވެރިވެވަޑައިގެންފި

Author
އަހުމަދު
16 ސެޕްޓެމްބަރ 2026 12:16
0

ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޮންގްރެސް ހުޅުވުމަށް އަންގާރަ ދުވަހުގެރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންފިއެވެ. މި ރަސްމިއްޔާތުގައި ޕީއެންސީގެ އިސް ލީޑަރުންނާއި، ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން، އެ ޕާޓީގެ ގިނަ އަދަދެއްގެ އާންމު މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީއެންސީގެ ޗެއާޕާރސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ޕާޓީގެ މެންބަރުންގެ އަދަދު 3،000 އިން 80،000 އަށް ވުރެ މައްޗަށް އަރައިގެންގޮސްފައިވާ ކަމަށެވެ. އަދި މި ސަރުކާރު ދެމެހެއްޓުމުގައި ޕާޓީގެ ހުރިހާ މެންބަރުން އިޚުލާސްތެރިކަމާއެކު ދެމިތިބޭނެ ކަމުގެ ޔަޤީންކަން ވެސް އެމަނިކުފާނު ރައީސް މުއިއްޒު އަށް އެރުވިއެވެ.

މީގެ އިތުރުން، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ޤައުމުގެ އިގުތިސާދު އިނދަޖެހިފައި އޮތް ކަން ފާހަގަކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ، ރައީސް ނަޝީދުގެ ބަސްފުޅުން ސިފަކުރައްވާނަމަ މި ސަރުކާރަށް ލިބިވަޑައިގަތީ "ދަރަނީގެ ރަސީދެއް" ކަމަށެވެ. އެހެންކަމުން، "ދިވެހީންގެ ރާއްޖެ" ބިނާކުރެއްވުމަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ޤައުމީ ފެންވަރުގައި އެއްބާރުލުން ދޭންޖެހޭ ކަމަށާއި، އެމަނިކުފާނަށް ދެވަނަ ދައުރެއް ދޭންޖެހޭ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. މި ވާހަކަފުޅަށް ރައީސް ނަޝީދު ވަނީ އަތްތިލަބަޑި ޖައްސަވައި ތަރުހީބު ދެއްވާފައެވެ.

ޕީއެންސީގެ ކޮންގްރެސް ކުރިއަށްދާނީ އަންގާރަ ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށެވެ. ކޮންގްރެސްގައި ޕާޓީގެ އަސާސީ ޤަވާއިދު ބަޔާންކުރާ ގޮތުގެ މަތިން ޕާޓީގެ މަޤާމުތަކަށް ބޭފުޅުން އިންތިޚާބުކޮށް، ޕާޓީގެ ކުރިމަގުގެ ސިޔާސަތުތައް ކަނޑައަޅާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.