ގައުމަށް ތަރައްގީ އާއި ރައްޔިތުންނަށް ފުދުންތެރިކަން ގެނެސްދިނުމަށް އެއް ވެރިއަކު މަދުވެގެން 10 އަހަރު ވެރިކަމުގައި ހުންނަން ޖެހޭ ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ދެވަނަ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ދިވެހިރާއްޖެއަށް ހަމަޖެހުމާއި ތަރައްގީ ގެނެސް، ރައްޔިތުން ފުދުންތެރި ބަޔަކަށް ހެދޭނީ އެއް ވެރިއަކު ދެ ދައުރު ވެރިކަން ކުރައްވައިގެން ކަމަށެވެ. އެގޮތުން މި ކޮންގްރެސްގެ މައިގަނޑު އަމާޒަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބުކޮށްދިނުން ކަމަށް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ރާއްޖޭގެ މިނިވަންކަމުގެ "ރަތްރޮނގު" ހުރަސްކުރުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނުދީ، އަމިއްލަވަންތަ ދިވެހިރާއްޖެއެއް ބިނާކުރެއްވުމަށެވެ. އެ މަސައްކަތް ފުރިހަމަކުރެއްވުމަށް އެމަނިކުފާނަށް އިތުރު ފުރުސަތެއް ދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ. އަދި ކޮންގްރެސް ނިންމުމަށްފަހު ޕާޓީގެ މެމްބަރުން ދާން ވާނީ 2028 ގެ އިންތިހާބު ކާމިޔާބުކުރުމުގެ ކަމަރު ބަނދެގެން ކަމަށާއި، އެ ކަމަރު ދޫކޮށްލެވޭނީ އިންތިހާބު ކާމިޔާބުކުރުމުން ކަމަށް ވިދާޅުވި އެވެ.
ސަރުކާރު ހިންގާ ޕާޓީގެ ކޮންގްރެސްގައި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަތުމުން އެކަން ފާހަގަކުރައްވައި، ސިޔާސީ ވާހަކަދައްކަވަން ޖެހިވަޑައިގަތުމުން ނަޝީދުގެ ކިބައިން މާފަށް އެދިވަޑައިގަންނަވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. ނަމަވެސް ސިޔާސީ ޕާޓީއެއް އުފައްދަނީ ވެރިކަން ކުރުމުގެ މަގުސަދުގައި ކަމަށް ވިދާޅުވި އެވެ.
ކޮމެންޓު ފޮނުވާ