ރާއްޖޭގެ ސިޔާސީ މައިދާން ހިނގަމުން އައި ގޮތުން ޒުވާނުންނަށް ސިޔާސީ މަސައްކަތް ވިސްނިފައި އޮތީ ހަޑި، އަދި ގާތްވާން ވެސް ކަމުނުދާ އެއްޗެއްގެ ގޮތުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޒިންމާދާރު ސިޔާސީ މަސައްކަތެއްގައި ބަލައިނުގަނެވޭނެ ކަންކަން ހުންނަން ނުޖެހޭނެ ކަމަށާއި، ގައުމު އެންމެ އިސްކޮށްގެން މަސައްކަތް ކުރާނަމަ އެއީ "ސާފުތާހިރު" ސިޔާސީ މަސައްކަތެއް ކަމަށެވެ.
ސިޔާސީ ފިކުރު ތަފާތު ވިޔަސް، އެންމެންނަކީ ވެސް ފުރަތަމަ ދިވެހިންކަން ހަނދާންކޮށް، ރާއްޖެ ތަރައްގީ ކުރުމަށް އެއްބާރުލުން ދިނުމަށް ރައީސް އެދިވަޑައިގެންނެވި އެވެ. އެގޮތުން، ތަރައްގީގެ ނަޒަރިއްޔާތު ތަފާތުވުމުގެ ސަބަބުން އެކި ޕާޓީތަކަށް ނިސްބަތްވުމަކީ މައްސަލައެއް ނޫން ކަމަށާއި، މުހިންމީ ގައުމަށް ފައިދާ ހުރި ކަންކަމުގައި އެއްބާރުލުން ދިނުން ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން، ސަރުކާރު ހިންގާ ޕާޓީން ވެސް ގައުމަށް ގެއްލުންވާ ފަދަ ކަމެއް ކޮށްފި ނަމަ، ވަގުތުން ތެދުވެ އެ ވާހަކަ ދައްކައި، ގައުމަށް އެންމެ ފައިދާހުރި ގޮތް ބަޔާންކޮށްދިނުމަކީ ޒިންމާދާރު ސިޔާސީ މަސައްކަތް ކަމުގައި ރައީސް ވިދާޅުވި އެވެ.
ކޮމެންޓު ފޮނުވާ