އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާން ކޮށްފި

އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާން ކޮށްފި

Author
އަހުމަދު
15 ޖޫން 2026 04:38
0

އިދިކޮޅު އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އެތެރޭގެ އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާންކޮށްފިއެވެ. މި އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ.

މިއަދު އާންމުކުރި ފަހުގެ ނަތީޖާ ދައްކާގޮތުން ރައީސް ނަޝީދަށް 21،063 ވޯޓު (69.16 އިންސައްތަ) ވަނީ ލިބިވަޑައިގެންފައެވެ. އެމަނިކުފާނާ އެންމެ ގާތުން ވާދަކުރެއްވި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަޙްމަދު ނަސީމަށް 30.42 އިންސައްތައާއެކު 9،263 ވޯޓު ލިބިވަޑައިގެންނެވިއިރު، ތިންވަނައަށް ދިޔަ އިބްރާހީމް މުޙައްމަދަށް ލިބިވަޑައިގަތީ 132 ވޯޓެވެ.

މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 50،176 މެމްބަރުންގެ ތެރެއިން 30،695 މީހުން ވަނީ ވޯޓުލާފައެވެ. ވޯޓުލުމަށްޓަކައި މުޅި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 241 ވޯޓުފޮށި ބަހައްޓާފައިވެއެވެ. ރާއްޖެއިން ބޭރުގައި ފޮށި ބަހައްޓާފައިވަނީ ހަމައެކަނި ސްރީލަންކާގައެވެ.

އިންތިޚާބުގެ ކާމިޔާބީއަށްފަހު ރައީސް ނަޝީދު ވަނީ އެމްޑީޕީގެ އިސްވެރިންނާއި، ވާދަވެރި ކެންޑިޑޭޓް މީކާއިލްއާ ބައްދަލުކުރައްވާފައެވެ. އަދި ރޭގެ ވަގުތެއްގައި އެމަނިކުފާނު ވަނީ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާވެސް ނުރަސްމީކޮށް ބައްދަލުކުރައްވާފައެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާގޮތުން ޗެއަރޕާސަން އަކީ ޕާޓީގެ އެތެރޭގެ ހިންގުމުގެ އެންމެ އިސް ފަރާތެވެ. ފަސް އަހަރުގެ ދައުރަކަށް އިންތިޚާބުކުރާ މި މަގާމުގައި އެންމެ ފަހުން ހުންނެވީ ފައްޔާޒް އިސްމާއީލެވެ. އޭނާ ވަނީ ތިން އަހަރާއި ހަ މަސް ދުވަސް ވަންދެން އެމަގާމު ފުރުއްވާފައެވެ. ޗެއަރޕާސަންގެ މަސްއޫލިޔަތުތަކުގެ ތެރޭގައި ސަރުކާރާއި އެހެނިހެން ސިޔާސީ ފަރާތްތަކާ އެކު ޕާޓީ ތަމްސީލުކުރުމާއި، އެތެރޭގެ އިންތިޚާބުތައް އިންތިޒާމުކުރުމާއި، ޕާޓީގެ އިދާރީ ކަންކަން ބެލެހެއްޓުން ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.