ވޯލްޑް ކަޕުން ފުރުސަތު ގެއްލުނު ސޯމާލިއާގެ ރެފްރީއަށް ފީފާއިން އުޖޫރަ ދޭން ނިންމައިފި

ވޯލްޑް ކަޕުން ފުރުސަތު ގެއްލުނު ސޯމާލިއާގެ ރެފްރީއަށް ފީފާއިން އުޖޫރަ ދޭން ނިންމައިފި

Author
އަހުމަދު
14 ޖޫން 2026 08:33
0

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ރެފްރީކަން ކުރުމަށް އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ނުލިބުނު ސޯމާލިއާގެ ރެފްރީ އުމަރު އަބްދުލްގާދިރު އަރުތާންއަށް، މުބާރާތުގެ ފުރިހަމަ އުޖޫރަ ދިނުމަށް ފީފާއިން ނިންމައިފިއެވެ.

އުމުރުން 34 އަހަރުގެ އަރުތާންއަކީ ވޯލްޑް ކަޕެއްގައި އިންސާފުކުރުމުގެ ފުރުސަތު ލިބުނު ސޯމާލިއާގެ ފުރަތަމަ ރެފްރީއެވެ. އޭނާގެ އަތުގައި ސައްހަ ވިސާއަކާއި ޑިޕްލޮމެޓިކް ޕާސްޕޯޓެއް އޮތް ނަމަވެސް، މިއާމީ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ އޭނާ އެމެރިކާއަށް އެތެރެވިޔަނުދީ ހިފަހައްޓާފައެވެ. އެމެރިކާގެ އޮފިޝަލުން އޭނާ އެތެރެވިޔަނުދިނީ ޓެރަރިސްޓް ޖަމާއަތްތަކާ ގުޅުން އޮންނަ ކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް މިކަމަށް އެއްވެސް ހެއްކެއް ދައްކާފައިނުވާއިރު، އަރުތާން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ. މިއީ އޭނާ މުސްލިމަކަށް ވުމުން ކުރި ތުހުމަތެއް ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

އެމެރިކާގެ އިމިގްރޭޝަންގެ ނިންމުމަށް ބަދަލު ނުގެނެވޭނެކަން ފާހަގަކޮށް، ފީފާއިން ވަނީ މުބާރާތުގައި އެއްވެސް މެޗެއްގައި އިންސާފު ނުކުރި ނަމަވެސް އޭނާއަށް ލިބެންޖެހޭ ފައިސާ ދޫކުރުމަށް ނިންމާފައެވެ. އާންމުގޮތެއްގައި ރެފްރީންނަށް ފައިސާ ދޫކުރަނީ މުބާރާތް ނިމުމުން، އެމީހަކު އިންސާފުކުރި މެޗުތަކަށް ބަލާފައެވެ. އެހެންކަމުން މިއީ 2025 ވަނަ އަހަރުގެ އެފްރިކާގެ އެންމެ މޮޅު ރެފްރީގެ މަގާމު ހޯދި އަރުތާންއަށް ފީފާއިން ދިން ވަރަށް ބޮޑު ހިތްވަރެކެވެ.

އެމެރިކާއިން އަނބުރާ ގައުމަށް ދިއުމުން ސޯމާލިއާގެ ރައީސާއި އާންމުން ވަނީ މޮގަދިޝޫ އެއާޕޯޓުން އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. މީގެ އިތުރުން، ޔޫއެފާއިން ވަނީ ކުރިއަށް އޮތް އޮގަސްޓް މަހު ޕީއެސްޖީ އާއި އެސްޓަން ވިލާ ބައްދަލުކުރާ ޔޫއެފާ ސުޕަ ކަޕް ފައިނަލް މެޗުގައި އިންސާފުކުރުމުގެ ފުރުސަތުވެސް އޭނާއަށް ދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.