ފާއިތުވި މެއި މަހު ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ، އޭގެ ކުރީ އަހަރާ އަޅާބަލާއިރު 17 ޕަސެންޓް ދަށަށް ހިނގައްޖެއެވެ.
ޓެކްސް އިދާރާ، މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ މެއި މަހު ދައުލަތަށް 105 މިލިއަން ޑޮލަރު ލިބުނު ނަމަވެސް، މިދިޔަ މަހު ލިބިފައިވަނީ 89 މިލިއަން ޑޮލަރެވެ. މިގޮތަށް ޑޮލަރުގެ އާމްދަނީ ބޮޑުތަނުން ދަށްވެފައިވަނީ، މާޗް މަހު ފެށުނު މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އޭގެ ނޭދެވޭ އަސަރުތަކެއް ކުރަމުންދާތީއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ޓީޖީއެސްޓީ، ގްރީން ޓެކްސް، ޑިޕާޗާ ޓެކްސް އަދި އެއާޕޯޓް ޑިވެލޮޕްމެންޓް ފީ އިން ލިބުނު އާމްދަނީ ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.
އާމްދަނީގެ ތަފްސީލުތަކަށް ބަލާއިރު، ޓީޖީއެސްޓީގެ ގޮތުގައި މެއި މަހު ލިބުނީ 756 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ އަހަރު ލިބުނު 963 މިލިއަން ރުފިޔާއާ އަޅާބަލާއިރު 21 ޕަސެންޓުގެ ވެއްޓުމެކެވެ. ހަމައެހެންމެ، ގްރީން ޓެކްސްގެ ގޮތުގައި ލިބުނު 139 މިލިއަން ރުފިޔާއަކީ 32 ޕަސެންޓުގެ ދަށްވުމެކެވެ. މީގެ އިތުރުން ޑިޕާޗާ ޓެކްސްގެ ގޮތުގައި 156 މިލިއަން ރުފިޔާ އަދި އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 158 މިލިއަން ރުފިޔާ ވަނީ ދައުލަތަށް ވަދެފައެވެ. ޑޮލަރުގެ އާމްދަނީގެ އިތުރުން މެއި މަހު ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީވެސް ވަނީ ފަސް ޕަސެންޓް ދަށްވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ މެއި މަހު 2.1 ބިލިއަން ރުފިޔާ ލިބުނުއިރު، މިދިޔަ މަހު މީރާ މެދުވެރިކޮށް ލިބިފައިވަނީ ދެ ބިލިއަން ރުފިޔާއެވެ.
ކޮމެންޓު ފޮނުވާ