ބެލްޖިއަމަށާއި އީޔޫއަށް ކަނޑައަޅާ ސަފީރަކަށް ދިޔާނާ އައްޔަންކުރައްވައިފި

ބެލްޖިއަމަށާއި އީޔޫއަށް ކަނޑައަޅާ ސަފީރަކަށް ދިޔާނާ އައްޔަންކުރައްވައިފި

Author
އަހުމަދު
03 އޮގަސްޓް 2026 06:11
0

ކިންގްޑަމް އޮފް ބެލްޖިއަމަށާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް، ސ.ހުޅުދޫ، ގޯރަންވިލާ އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ސަޢީދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އައްޔަންކުރައްވައިފި އެވެ.

ދިޔާނާއަށް މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ހަވާލުކޮށްދެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

ޢިލްމީ ގޮތުން ބަލާއިރު، ދިޔާނާ ވަނީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ޓެޒްމޭނިއާއިން ބެޗްލަރ އޮފް ލޯސް ހާސިލުކުރައްވާފައެވެ. އަދި ޖަޕާނުގެ ޔުނިވަރސިޓީ އޮފް އޮސާކާއިން މާސްޓަރ އޮފް ލޯ (ލޯ އެންޑް ޕޮލިޓިކަލް ސައިންސް) ގެ އިތުރުން، އިނގިރޭސިވިލާތުގެ ލެސްޓަރ ޔުނިވަރސިޓީން މާސްޓަރ އޮފް ލޯ (އިންޓަރނޭޝަނަލް ހިއުމަން ރައިޓްސް ލޯ) ވެސް ފުރިހަމަކުރައްވާފައި ވެއެވެ.

ޤާނޫނީ ދާއިރާގައި ފުޅާ ތަޖުރިބާ ހޯއްދަވާފައިވާ ދިޔާނާ ވަނީ މީގެ ކުރިން ދިވެހި ސަރުކާރާއި ދައުލަތުގެ، އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ވެސް މަތީ މަޤާމުތަކެއް ފުރުއްވާފައެވެ. އެގޮތުން ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން (ސާރކް) ގެ ސެކްރެޓަރީ ޖެނެރަލްކަން، ދިވެހިރާއްޖޭގެ ބަންޑާރަނައިބުކަން، ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސް މިނިސްޓަރުކަން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން، އަދި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.