ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ މައްޗަށް ކުރެވިފައިވާ ޖިންސީ ގޯނާގެ ތުހުމަތުތައް، އެމަނިކުފާނުގެ ދަރިކަލުން ޔާމީން ޝާހިދު ރައްދު ދެއްވައިފި އެވެ.
ޝާހިދު ހައްޔަރުކުރުމަށްފަހު ރޭ އެކްސްގައި ޔާމީން ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ، ބައްޕަގެ އަހުލާގާއި އުސޫލުތައް އޭނާއަށް ރަނގަޅަށް އެނގޭތީ، ތުހުމަތުކުރެވޭ ފަދަ ކަމެއް ބައްޕަ ދުވަހަކުވެސް ނުކުރާނެކަން ޔަގީން ކަމަށެވެ. ބައްޕަ ހައްޔަރުކުރި ގޮތުން ހިތްދަތިވި ކަމަށާއި، މި ކަން ހިނގި ގޮތާ މެދު ސުވާލުތަކެއް އުފެދޭ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. ޝާހިދަށް އިންސާފާއި ފުރިހަމަ ގާނޫނީ އިޖުރާއާތު، އަދި އަމިއްލަ ނަފްސު ދިފާއުކުރުމުގެ ފުރުސަތު ލިބެންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވެއްޖެ އެވެ.
ހައްޔަރުކުރުމުގެ ކުރިން، ޝާހިދު ވެސް ވަނީ އެކްސްގައި ތުހުމަތުތައް ދޮގުކުރައްވާފަ އެވެ. އެއީ ސިޔާސީ ބޭނުމަކަށް އޭނާ ބަދުނާމުކުރުމަށް ފަތުރާ އަސްލެއް ނެތް ވާހަކަތަކެއް ކަމަށް ވިދާޅުވެ، އެފަދަ ވާހަކަ ނުފެތުރުމަށް ޝާހިދު އެދިލެއްވި އެވެ.
އދ. ގެ ޖެނެރަލް އެސެމްބްލީގެ ރައީސްކަމާއި އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާފައިވާ ޝާހިދު ހައްޔަރުކުރީ، 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ތުހުމަތުގައި ކޯޓު އަމުރަކާ އެކު، ހުޅުމާލޭ އޯޝަން ފްރޮންޓް ރެޒިޑެންސްގައި ހުންނަ އޭނާގެ އެޕާޓްމަންޓް ފުލުހުން ބަލައި ފާސްކުރުމަށްފަހު ގައެވެ. މި ހާދިސާ ހިނގީ، އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ޝާހިދު ތައްޔާރުވަމުން ދަނިކޮށެވެ.
ފުރަތަމަ ހުޅުމާލޭ ޕޮލިސް ސްޓޭޝަނަށް ގެންދިޔަ ޝާހިދު، ފަހުން ދޫނިދޫ ޖަލަށް ބަދަލުކުރި އެވެ. ބަންދު އިތުރުކުރުމާ ބެހޭ ޝަރީޢަތަށް މިއަދު އޭނާ ކޯޓަށް ހާޒިރުކުރާނެ އެވެ.
ކޮމެންޓު ފޮނުވާ