ޔުނެސްކޯގެ ދެ މުއާހަދާއެއްގައި ރާއްޖެ ބައިވެރިވުމަށް ކެބިނެޓުން ނިންމައިފި

ޔުނެސްކޯގެ ދެ މުއާހަދާއެއްގައި ރާއްޖެ ބައިވެރިވުމަށް ކެބިނެޓުން ނިންމައިފި

Author
އަހުމަދު
03 ނޮވެމްބަރ 2026 12:56
0

މަތީ ތައުލީމުގެ ސަނަދުތައް ޤަބޫލުކުރުމާ ގުޅޭ ޔުނެސްކޯގެ ދެ ބައިނަލްއަޤްވާމީ މުއާހަދާއެއްގައި ރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.

މި ނިންމުން ނިންމީ، މި މަހުގެ 1 ވަނަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ތައުލީމީ ވުޒާރާއިން ހުށަހެޅި ކަރުދާހަކަށް މަޝްވަރާކުރުމަށް ފަހުގައެވެ. ރާއްޖެ ބައިވެރިވާނީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ "ޓޯކިޔޯ ކޮންވެންޝަން" އާއި ޔުނެސްކޯގެ "ގްލޯބަލް ކޮންވެންޝަން" ގައެވެ. ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގެ ދަށުން މިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަންޖެހޭތީ، މި މައްސަލަ މަޖިލީހަށް ފޮނުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވެއެވެ.

މި މުއާހަދާތަކުގައި ބައިވެރިވުމުން ލިބޭ ފައިދާތަކާ މެދު ޔުނެސްކޯއިން ޤައުމީ އެސެސްމަންޓެއް ހަދާފައިވެއެވެ. އަދި ޔުނެސްކޯއާއި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ ގުޅިގެން ގުޅުންހުރި ފަރާތްތަކުގެ ހިޔާލު ހޯދުމަށް ފޯކަސް ގްރޫޕް ބައްދަލުވުންތަކެއް ވެސް ބާއްވާފައިވެއެވެ.

އެސެސްމަންޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، މި މުއާހަދާތަކުގައި ބައިވެރިވުމުން ރާއްޖޭގެ މަތީ ތައުލީމު ބައިނަލްއަޤްވާމީ ފެންވަރަށް ގެންދިއުމާއި ބޭރުގެ ދަރިވަރުންނާއި މުވައްޒަފުން ރާއްޖެއަށް ގެނައުން ފަސޭހަވާނެއެވެ. އަދި ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް އެ ސަނަދުތަކާއެކު ރާއްޖެއަށް އެނބުރި އައުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.