ތައުލީމު ގާނޫނަށް ހުށަހެޅި އިސްލާހަށް އެމްޑީޕީން ފާޑުކިޔުން

ތައުލީމު ގާނޫނަށް ހުށަހެޅި އިސްލާހަށް އެމްޑީޕީން ފާޑުކިޔުން

Author
އަހުމަދު
02 ނޮވެމްބަރ 2026 12:37
0

ސަރުކާރުން ހޯމްސްކޫލިންއާ ގުޅޭ އިސްލާހުތައް ތައުލީމާ ބެހޭ ގާނޫނަށް ހުށަހަޅާފައިވަނީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިން ސްކޫލުތަކަށް ގެންގޮސް ކިޔަވައިދިނުމަށް ކުރަންޖެހޭ ޚަރަދު ސަލާމަތްކުރުމަށް ކަމަށް އެމްޑީޕީގެ ބައެއް މެންބަރުން ތުހުމަތުކޮށްފިއެވެ.

ހުރާ ދާއިރާގެ ޕީއެންސީ މެންބަރު ޑރ. އަނާރާ ނަޢީމް ހުށަހަޅުއްވާފައިވާ މި ބިލަށް މިއަދު މަޖިލީހުގައި ބަހުސްކުރަމުން ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު ވިދާޅުވީ ތައުލީމީ ދާއިރާއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބަޖެޓުގެ ދަތިކަން ކަމަށެވެ. ސްކޫލުތަކުގެ ހަރަކާތްތައް ބާއްވަން ވެސް ކުންފުނިތަކުގެ އެހީއަށް ބަރޯސާވާން ޖެހިފައިވާ ކަމަށާއި، ޚާއްސަ ކުދިންނަށް ކިޔަވައިދޭނެ މުދައްރިސުންނާއި ވަސީލަތްތައް ހަމަނުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މި ބަދަލު ގެންނަނީ ޚަރަދު ކުޑަކޮށް، ރައީސުލްޖުމްހޫރިއްޔާގެ ޝަޚްޞީ ފައިދާއަށް މަސައްކަތްކުރުމަށް ކަމަށް ވެސް މަޢުރޫފް ތުހުމަތުކުރެއްވިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ވިދާޅުވީ ބިލުގެ މަޤްޞަދަކީ ޚާއްސަ ކުދިންނަށް ފުރުސަތު ހޯދައިދިނުން ނޫން ކަމަށެވެ. ބިލުގައިވާ ޝަރުތުތައް ސަރުކާރުން ކަނޑައަޅާ ގޮތަކަށް ކަމަށް ބުނެފައި ވީނަމަވެސް، އެ މިންގަނޑުތަކާއި އަސާސްތައް ސާފުނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރުގެ ގާނޫނުގެ ދަށުން 4 އަހަރާއި 16 އަހަރާ ދެމެދުގެ ކޮންމެ ކުއްޖަކަށް ތައުލީމު ލާޒިމުވާއިރު، ކުދިން ސްކޫލަށް ފޮނުވުމުގެ ޒިންމާ އަޅުވާފައިވަނީ ބެލެނިވެރިންގެ މައްޗަށެވެ. ނަމަވެސް ހުށަހަޅާފައިވާ އިސްލާހުގެ ދަށުން، ނުކުޅެދުންތެރިކަމުގެ ސަބަބުން ސްކޫލަށް ހާޒިރުވެ ނުވަތަ ހޯމްސްކޫލިންގެ ދަށުން ވެސް ކިޔަވަން ނުކުޅެދޭ ކުދިންނަށް މަޖުބޫރީ ތައުލީމު ލާޒިމެއް ނުވާނެއެވެ. އެފަދަ ކުދިންނަށް އުނގަންނައިދިނުމުގެ ޒިންމާ ބެލެނިވެރިންގެ މައްޗަށް އަޅުވާފައިވާއިރު، ކުއްޖަކު ސްކޫލަށް ނުގެންދިއުމުގެ ނިންމުމުގައި ބަލާނެ މިންގަނޑުތައް ގާނޫނުގެ ދަށުން އެކުލަވާލަން ޖެހޭނެ ކަމަށް ވެސް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.