ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ ކުރިއެރުން މިނެވޭނެ ނިޒާމެއް ޤާއިމުކުރަން ޖެހޭނެ ކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.
އެންޓީގާ އެންޑް ބާބިއުޑާގެ ސެއިންޓް ޖޯންސްގައި ބޭއްވި ކުދި ގައުމުތަކާ ބެހޭ ކޮމަންވެލްތު ވަޒީރުންގެ ބައްދަލުވުމުގެ ކޯ-ޗެއާކަން، އެ ގައުމުގެ ފޮރިން މިނިސްޓަރު ޗެޓް ގްރީންއާ އެކު ކުރައްވަމުން އިރުތިޝާމް ވިދާޅުވީ، ކޮމަންވެލްތުގެ އަމާޒުތައް ހާސިލުކުރުމުގެ ބުރަ އުފުލަންޖެހެނީ ވަކި އިދާރާއަކުން ނުވަތަ މަދު ގައުމުތަކަކުން ނޫން ކަމަށެވެ. އެއީ ހުރިހާ މެންބަރުން ގުޅިގެން އަދާކުރަންޖެހޭ ޒިންމާއެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މޫސުމީ ބަދަލާއި މާލީ ދަތިތަކުގެ ސަބަބުން ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް، ބައިނަލްއަގްވާމީ މާލީ މުއައްސަސާތަކާއި ޕްރައިވެޓް ސެކްޓަރާއެކު ގުޅުން އިތުރަށް ވަރުގަދަކުރަން ޖެހޭކަން ވެސް އިރުތިޝާމް ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ "މޯލްޑިވްސް ފަސްޓް" ހާރިޖީ ސިޔާސަތާ ގުޅުވައިލައްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމަށް އިޙްތިރާމްކުރާ ގައުމުތަކާ ގުޅުން ބަދަހިކުރުމަށް އިސްކަންދެވޭނެ ކަމަށެވެ. ބައިނަލްއަގްވާމީ ފެންވަރުގައި ކުދި ގައުމުތަކުގެ ތަމްސީލު އިތުރުކުރުމުގެ މުހިއްމުކަން ފާހަގަކުރައްވަމުން، 2028-2030 އަށް އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ މެންބަރުކަމަށާއި 2033-2034 އަށް ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން މެންބަރުކަމަށް ރާއްޖެއިން ކުރިމަތިލާފައިވާ ކަމުގެ ވާހަކަވެސް އިރުތިޝާމް ދެއްކެވިއެވެ.
މި ބައްދަލުވުން ބޭއްވީ، 28 ވަނަ ކޮމަންވެލްތު ހެޑްސް އޮފް ގަވަރުމަންޓް މީޓިންގެ ކުރިން މެންބަރު ގައުމުތަކުގެ މެދުގައި މަޝްވަރާކުރުމުގެ ގޮތުންނެވެ.
ކޮމެންޓު ފޮނުވާ