ރަސްމާލެ މަޝްރޫއާމެދު ރައްޔިތުންގެ ރައުޔު ހޯދަން ސަރުކާރަށް ގޮވާލާ ގަރާރެއް އެމްޑީޕީން ފާސްކޮށްފި

ރަސްމާލެ މަޝްރޫއާމެދު ރައްޔިތުންގެ ރައުޔު ހޯދަން ސަރުކާރަށް ގޮވާލާ ގަރާރެއް އެމްޑީޕީން ފާސްކޮށްފި

Author
އަހުމަދު
02 ނޮވެމްބަރ 2026 01:01
0

ޔޫއޭއީގެ އީގަލް ހިލްސްއިން ރަސްމާލޭގައި ހިންގަން ނިންމާފައިވާ މަޝްރޫއާ ބެހޭގޮތުން ރައްޔިތުންގެ ރައުޔު ހޯދުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގަން ގޮވާލާ ގަރާރެއް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފި އެވެ.

އާދީއްތަ ދުވަހުގެ ރޭ ބޭއްވި ކުއްލި ޖަލްސާގައި މި ގަރާރު ފާސްވީ، ޖަލްސާގައި ތިއްބެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުން ތާއީދުކުރައްވައިގެންނެވެ. ގަރާރު ހުށަހެޅުއްވީ ކޮލަމާފުށި ދާއިރާގެ ރައީސް މަހްފޫޒު ސައީދު ކަމަށް ވާއިރު، އޭގެ ތާއީދު ކުރެއްވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރެވެ.

ގަރާރުގައި ފާހަގަކޮށްފައިވަނީ، ރަސްމާލެ ބިނާކުރުމަށް ކ. ފުށިދިއްގަރުފަޅު ހިއްކަމުން ދަނީ ރައްޔިތުންގެ ޓެކްސް ފައިސާއިން ކަމަށެވެ. އެހެންކަމުން، 500 ހެކްޓަރުގެ ބިން އެއްވެސް ފީއެއް ނުނަގައި ދިގު މުއްދަތަކަށް އީގަލް ހިލްސްއަށް ދިނުމަކީ ރައްޔިތުންގެ ފައިސާއަށް ކުރާ ހިޔާނާތެއް ކަމަށް ގަރާރުގައި ވަނީ ބަޔާންކޮށްފަ އެވެ.

މި ގަރާރުގެ ދަށުން ނުވަ ކަމަކަށް ގޮވާލާފައިވާއިރު، ރިފަރެންޑަމްގެ ނަތީޖާ ނުނިކުމެނީސް މަޝްރޫއާ ގުޅޭ އެއްވެސް މުއާމަލާތެއް ނުކުރުމާއި، މަޝްރޫއުގެ ކޮމާޝަލް ޓާމްސް އާންމުކުރުމަށް ވެސް އެމްޑީޕީން ވަނީ ގޮވާލާފަ އެވެ. އަދި މި މައްސަލައިގެ ނުރައްކާތައް ރައްޔިތުންނަށް ބުނެދިނުމަށް ހޭލުންތެރިކުރުމުގެ ހަރަކާތެއް ހިންގުމާއި، ޕާޓީގެ މަޖިލިސް މެންބަރުން މެދުވެރިކޮށް މަޖިލީހުގެ ތެރެއިން ވެސް މަސައްކަތް ކުރުމަށް ނިންމާފައިވެ އެވެ. ސަރުކާރުން މި ގޮވާލުންތަކަށް އިޖާބަ ނުދީފިނަމަ، އެހެން ޕާޓީތަކާއި ޖަމްއިއްޔާތަކާއި ފަރުދުން ވެސް ބައިވެރިކޮށްގެން ސީދާ ހަރަކާތަށް ނުކުތުމަށް ވެސް ގަރާރުގައި ވަނީ ގޮވާލާފަ އެވެ.

މިއީ އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ރަސްމާލެ މަޝްރޫއަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައި ވުމާއެކު އެޕާޓީން ފާސްކުރި ގަރާރެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.