ސޯޝަލް މީޑިއާގައި ވައިރަލްވި ވީޑިއޯއެއްގައި ފެންނަ ހަމަނުޖެހުމުގެ މައްސަލަ ފުރިހަމައަށް ތަހުގީގުކުރުމަށް ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން ދިވެހި ފުލުހުންނާއި ޓޫރިޒަމް މިނިސްޓްރީއަށް ގޮވާލައިފިއެވެ. މި ހަމަނުޖެހުން ހިނގީ މޯލްޑިވްސް ލެޖެންޑް ލިވްއަބޯޑާއި އިންފިނިޓީ އެކްސްގެ ޑައިވިން ޓީމުތަކުގެ މެދުގައެވެ.
ހަގީގަތް ހާމަވުމުގެ ކުރިން އަވަސްއަރުވައިގެން ތުހުމަތު ނުކުރުމަށް ޖަމިއްޔާއިން އެދިފައިވެއެވެ. އަދި ބަޔަކު ކުރި ކަމަކާ ގުޅުވައިގެން ރާއްޖޭގެ ޑައިވިންއާއި ބޯޓިން ދާއިރާ ބަދުނާމު ނުކުރުމަށާއި، ރާއްޖެއަކީ ޑައިވްކުރަން ރައްކާތެރި ނޫން ތަނެއްގެ ގޮތުގައި ނުދެއްކުމަށް ވެސް އެދިއެވެ.
މީގެ އިތުރުން، ބޭރުގެ ފަރާތްތަކުން ދިވެހިންގެ ނަމުގައި ކުންފުނި ހަދައިގެން ފަތުރުވެރިކަމުގެ އުޅަނދުތައް ހިންގަމުންދާތީ އެންބީއޭއެމް އިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އިންފިނިޓީ އެކްސް ކުރިން ހިންގީ ބޭރުގެ އުޅަނދެއްގެ ގޮތުގައެވެ. ފަހުން އެ އުޅަނދު ދިވެހި ކުންފުންޏެއްގެ ދަށަށް ބަދަލުކުރިއެވެ. އެހެންކަމުން، އޭގައި ދިވެހިންނަށް ހަގީގީ ހިއްސާއެއް ނުވަތަ ހިންގުމުގެ ބާރެއް އޮތްތޯ ޖަމިއްޔާއިން ސުވާލުކޮށްފައިވެއެވެ. އަދި މިފަދަ ކުންފުނިތަކުގެ އަސްލު ވެރިފަރާތް ބަލަން ގޮވާލިއެވެ.
މި އުޅަނދު ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވަނީ ގޯލޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ދަށުން، 20 ކޮޓަރި އަދި 40 އެނދާއެކުއެވެ. ނަމަވެސް ލިވްއަބޯޑް ޑޮޓް ކޮމް ފަދަ ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކުގައި އިޝްތިހާރުކޮށްފައިވަނީ 19 ކެބިނާއި ގިނަވެގެން 30 މެހެމާނުންނަށް ކަމަށް ޖަމިއްޔާއިން ފާހަގަކޮށްފައިވެއެވެ. މި ތަފާތު ސާފުކޮށްދިނުމަށް މިނިސްޓްރީއަށް ގޮވާލާފައިވެއެވެ.
ބޯޓިން ސިނާއަތަކީ ދިވެހި ވިޔަފާރިވެރިންގެ ބުރަ މަސައްކަތުން ބިނާވި ސިނާއަތެއް ކަމަށް ޖަމިއްޔާއިން ބުނެއެވެ. އަދި ގާނޫނުގެ ހުސްކަންތައް ބޭނުންކޮށްގެން ކުރާ ނާޖާއިޒު ވާދަވެރިކަމުން ދިވެހި ވިޔަފާރިތައް ރައްކާތެރިކުރުމަށް ވެސް އެދިފައިވެއެވެ.
ކޮމެންޓު ފޮނުވާ