ހެކަރުން ނެގި 6.3 ބިލިއަން ޑޮލަރުގެ ބޮޑުބައި ބައިނޭންސުން ފޫބައްދައިފި

ހެކަރުން ނެގި 6.3 ބިލިއަން ޑޮލަރުގެ ބޮޑުބައި ބައިނޭންސުން ފޫބައްދައިފި

Author
އަހުމަދު
01 ނޮވެމްބަރ 2026 09:28
0

 

ހެކަރުންގެ ހަމަލާއެއްގައި ވޮލެޓްތަކުން ވަގަށް ނެގި 6.3 ބިލިއަން ޑޮލަރުގެ ކްރިޕްޓޯގެ 90 އިންސައްތަ ހަމަޖައްސައިދީފައިވާ ކަމަށް ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސުން ހާމަކޮށްފިއެވެ.

ބައިނޭންސްގެ ކޯ-ސީއީއޯ ރިޗަޑް ތެންގް އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ، ބާކީ 10 އިންސައްތަ ހަމަޖެއްސުމަށް ކުންފުނިން އިސްކަންދެމުންދާ ކަމަށާއި، މި ހާދިސާގެ ސަބަބުން އެއްވެސް ކަސްޓަމަރަކަށް މާލީ ގެއްލުމެއް ނުވާނެ ކަމަށެވެ. ބާކީ ހުރި ޓޯކަންތަކަކީ ލިކުއިޑިޓީ މަދު ޓޯކަންތައް ކަމުން، އެ ތަކެތި ގަތުމަށް އިތުރު ވަގުތު ނަގާނެ ކަމަށް ކުންފުނިން ބުނެއެވެ.

ގެއްލުން ފޫބެއްދުމަށް ބައިނޭންސުން ވަނީ ކުންފުނީގެ ވަސީލަތްތަކުން 6.34 ބިލިއަން ޑޮލަރު ވަކިކޮށްފައެވެ. މީގެ ތެރޭގައި ކަސްޓަމަރުން ރައްކާތެރިކުރުމަށް ބަހައްޓާފައިވާ އެއް ބިލިއަން ޑޮލަރުގެ "ސެކިއުއަރ އެސެޓް ފަންޑް ފޯ ޔޫޒާސް" (އެސްއޭއެފްޔޫ)ގެ ބައެއް، ފިއުޗާސް އިންޝުއަރެންސް ފަންޑާއި ކޯޕަރޭޓް ޓްރެޜަރީގެ ފައިސާ ހިމެނެއެވެ.

ކްރިޕްޓޯގެ ތާރީޚުގައި ހިނގި އެންމެ ބޮޑު ހެކިން ހާދިސާ ކަމަށްވާ މި ހަމަލާ ދީފައިވަނީ އުތުރު ކޮރެއާގެ ހެކަރުން ކަމަށް ބްލޮކްޗެއިން އެނަލިސިސް ފާމު ޓީއާރުއެމުން ބުނެއެވެ. ވޮލެޓްތަކުގެ ކޮންޓްރޯލް ހޯދި ހެކަރުން 20 މިނެޓު ތެރޭގައި ވޮލެޓްތައް ހުސްކޮށްލިއެވެ. ތެންގް ވިދާޅުވީ، މި ހަމަލާ ދީފައިވަނީ ކޮމްޕްރޮމައިޒްކުރެވުނު ލެޕްޓޮޕަކާއި، ހެކި ނައްތާލުމަށް ފަރުމާކޮށްފައިވާ ސޮފްޓްވެއާއެއް ބޭނުންކޮށްގެން ކަމަށެވެ.

ވަގަށް ނެގި ފައިސާގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ހިމެނޭ ސްޓޭބަލްކޮއިންތައް ފްރީޒްކުރެވިފައިވީ ނަމަވެސް، ބާކީ ތިން ބިލިއަނެއްހާ ޑޮލަރުގެ ހަބަރެއް އަދި ނުވެއެވެ.

ވަގުތީގޮތުން މެދުކަނޑާލި ފައިސާ ނެގުމުގެ ޚިދުމަތް އާދީއްތަ ދުވަހު އަލުން ހުޅުވާލާނެ ކަމަށް ބައިނޭންސުން ބުނެފައިވެއެވެ. މި ހަމަލާއާއެކު ކްރިޕްޓޯ މާކެޓުގައި އަގުތައް ވެއްޓި، އިންވެސްޓަރުންގެ އިތުބާރު ވަނީ ވަރަށް ބޮޑަށް ގެއްލިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.