ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް ކަމަށްވާ ބައިނޭންސް ހެކްކޮށް 6.3 ބިލިއަން ޑޮލަރު ވަގަށް ނެގީ އުތުރު ކޮރެއާއިން ކަމަށް އެމެރިކާގެ އެފްބީއައި އިން ރަސްމީކޮށް ބުނެފި އެވެ.
އޮކްޓޯބަރު 29 ގައި ދިން މި ހަމަލާގެ ފަހަތުގައި ވަނީ އުތުރު ކޮރެއާއާ ގުޅުން ހުރި "ޓްރޭޑާޓްރެއިޓާ" ނަމުގައި ހިންގާ ހެކަރުންގެ ގްރޫޕެއް ކަމަށް އެފްބީއައި އިން ބުނެ އެވެ. ލާޒަރަސް ގްރޫޕްގެ ބައެއް ކަމަށް ބެލެވޭ މި ގްރޫޕަކީ މިދިޔަ އަހަރު ބައިބިޓުން 1.5 ބިލިއަން ޑޮލަރު ވަގަށް ނެގި ގްރޫޕެވެ.
ވަގަށް ނެގި ފައިސާ ހެކަރުން ވަނީ އެތީރިއަމްއަށް ބަދަލުކޮށްފަ އެވެ. މި ފައިސާ ޑިސެންޓްރަލައިޒްޑް ފައިނޭންސް އާއި އިންސްޓަންޓް ސްވޮޕް ހިދުމަތްތައް ބޭނުންކޮށްގެން ލޯންޑާކުރާނެ ކަމަށް އެފްބީއައި އިން ލަފާކުރެ އެވެ. އެހެންކަމުން، ހެކަރުން ބޭނުންކުރާ އެޑްރެސްތަކާ މުއާމަލާތް ނުކުރުމަށް އަމިއްލަ ފަރާތްތަކަށް އެފްބީއައި އިން ވަނީ އެދިފަ އެވެ.
ކަސްޓަމަރުންގެ ގެއްލުން ފޫބައްދަން ކުންފުނީގެ އަމިއްލަ ފަންޑުން 6.34 ބިލިއަން ޑޮލަރު ވަކިކޮށްފައިވާ ކަމަށް ބައިނޭންސް އިން ބުނެ އެވެ. ގެއްލުނު ފައިސާގެ 90 ޕަސެންޓް ވަނީ ކުންފުނީގެ ފައިސާއިން ޓޯކަންސް ގަނެ އަލުން އިއާދަކޮށްފަ އެވެ. ބާކީ 10 ޕަސެންޓަކީ މާކެޓުގައި މަދުން ދައުރުވާ ޓޯކަންސް ކަމުން، އެއީ ހޯދަން ވަގުތު ނަގާނެ ކަމަށް ބައިނޭންސް އިން ބުނެ އެވެ. ހަމަލާއާ އެކު ހުއްޓާލި ފައިސާ ނެގުމުގެ ހިދުމަތް އާދިއްތަ ދުވަހު އަލުން ފަށާނެ ކަމަށް ވެސް ކުންފުނިން ބުނެ އެވެ.
މި ހާދިސާއާ އެކު ކްރިޕްޓޯ މާކެޓުގައި އަގުތައް ވަނީ ވަރަށް ބޮޑަށް ވެއްޓިފަ އެވެ. ބިޓްކޮއިންގެ އަގު 5 ޕަސެންޓް، އެތީރިއަމްގެ އަގު 6 ޕަސެންޓް އަދި ބައިނޭންސްގެ ބީއެންބީގެ އަގު 10 ޕަސެންޓް ވެއްޓުނެވެ. މި ހަމަލާއާ އެކު، އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން ސައިބާ ސެކިއުރިޓީއަށް ކުރިމަތިވާ ނުރައްކާ ބޮޑުވަމުންދާ ކަމުގެ ކަންބޮޑުވުން ތަޖުރިބާކާރުން ފާޅުކުރަމުން ދެއެވެ.
ކޮމެންޓު ފޮނުވާ