މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ސަރަހައްދުން 20 އަހަރުގެ ޒުވާނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ބުނިގޮތުގައި، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ފ. ފީއަލި، ޝަބްނަމީގެ، ޝިޢާން އަޙްމަދުއެވެ. އޭނާ ހައްޔަރުކުރީ ރޭގެ ވަގުތެއްގައި ފުލުހުން އެ ސަރަހައްދު ޕެޓްރޯލުކުރަމުން ދަނިކޮށް، އޭނާގެ އަމަލުތައް ހުރި ގޮތުން ޝައްކުކުރެވިގެންނެވެ.
ފުލުހުން ފެނުމާއެކު ޝިޢާން، އޭނާގެ އަތުގައި އޮތް އެއްޗެއް އެއްލައިލުމަށްފަހު ފިލަން މަސައްކަތްކުރި ކަމަށާއި، ނަމަވެސް ފުލުހުން ވަނީ އޭނާ ހުއްޓުވައި ބަލައިފާސްކޮށްފައި ކަމަށް ފުލުހުން ބުނެއެވެ. އޭނާ ބަލައިފާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އެކުލެވޭ 26 ސެލޯފިންކޮޅު ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގްރާމް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ޝިޢާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ