ކެލާގައި މަގު ކޮންނަނިކޮށް ފާރެއް ވެއްޓި މުވައްޒަފަކަށް ބޮޑެތި އަނިޔާތަކެއް

ކެލާގައި މަގު ކޮންނަނިކޮށް ފާރެއް ވެއްޓި މުވައްޒަފަކަށް ބޮޑެތި އަނިޔާތަކެއް

Author
އަހުމަދު
03 އޮގަސްޓް 2026 06:12
0

ހއ. ކެލާގައި މަގު ހެދުމުގެ މަސައްކަތުގައި އުޅެނިކޮށް ކުރީގެ ފާރެއް ވެއްޓި، އުމުރުން 60 އަހަރުން މަތީގެ މުވައްޒަފަކަށް މިއަދު ބޮޑެތި އަނިޔާތަކެއް ލިބިއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 10:30 ހާއިރު، އެ ރަށު މަގުތަކުގައި ތާރު އެޅުމުގެ ކުރިން ހޮޅި ވަޅުލުމަށް ބިން ކޮނުމުގެ ތެރޭގައެވެ. އަނިޔާވެފައިވަނީ އެ މަސައްކަތުގައި ހަރަކާތްތެރިވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގައި ވަޒީފާ އަދާކުރާ ކެލާގެ ރައްޔިތެކެވެ.

ކެލާ ކައުންސިލްގެ ރައީސް އަހުމަދު މާލިކް "މިހާރު" އަށް ވިދާޅުވި ގޮތުގައި ފާރު ވެއްޓުނީ ފާރާ މާ ކައިރިން ބިން ކޮނެވުމުގެ ސަބަބުންނެވެ.

"ކުރީގެ ފާރެއް އެއީ. ތަންކޮޅެއް ފާރާ ކައިރިން ކޮނެވުނީހެން ހީވަނީ އެ ވެއްޓުނީ،" އޭނާ ވިދާޅުވިއެވެ.

ހާދިސާ ހިނގުމާއެކު އަނިޔާވި މީހާއަށް އެންމެ ފުރަތަމަ ފަރުވާދިނީ ކެލާ ސިއްހީ މަރުކަޒުގައެވެ. ނަމަވެސް، ހާލު ބޮޑުވުމުގެ ސަބަބުން، އިތުރު ފަރުވާ ދިނުމަށްޓަކައި ފަހުން ވަނީ ހދ. ކުޅުދުއްފުއްޓަށް ބަދަލުކޮށްފައެވެ.

މާލިކް ވިދާޅުވި ގޮތުގައި އަނިޔާވި މީހާއަށް ނޭވާ ލުމުގައި އުނދަގޫތަކެއް ކުރިމަތިވެފައި ވެއެވެ. އަދި ފައި ބިންދައިގެން ދިއުމުގެ ނުވަތަ ހުޅުން ނެއްޓުމުގެ ފުރުސަތު ވެސް އޮތް ކަމަށާއި، ކުޅުދުއްފުށީ ހޮސްޕިޓަލުގައި އިތުރު ޓެސްޓުތައް ހެދުމަށްފަހު، ލިބިފައިވާ އަނިޔާތަކުގެ ތަފްސީލު އެނގޭނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްގެން މަސައްކަތް ކުރިއަށް ގެންދިއުމަށް އާރްޑީސީއަށް ކުރިން ވެސް ނަސޭހަތްތެރިވެފައިވާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.