މާލެ ސިޓީ ކައުންސިލްގައި މަސައްކަތަށް ފަރުވާކުޑަ މުވައްޒަފުންތަކެއް ތިބިކަމަށާއި، އެ މުވައްޒަފުން ޒިންމާތަކުން ދުރުކުރުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގައި އެދިވަޑައިގެންފައިވާނެ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އެސްއެސް ޓީވީގެ "ބާރު ހަތަރެއް" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ، ކައުންސިލްގައި ޒިންމާ އަދާކުރާނެ މުވައްޒަފުން މަދު ނަމަވެސް، ފަރުވާކުޑަކޮށް މަކަރު ހަދާ މުވައްޒަފުން ދުރުކޮށްގެން ނޫނީ މުއައްސަސާ ހަރުދަނާ ނުކުރެވޭނެ ކަމަށެވެ. އެގޮތުން ބައެއް މުވައްޒަފުންގެ ފަރާތުން ކައުންސިލަށް އެއްވެސް ޚިދުމަތެއް ނުލިބޭކަން އޭނާ ފާހަގަކުރެއްވިއެވެ.
"އަސްލު އެތަނެއްގައި ހަރުދަނާ ނޫން، މަސައްކަތަށް މަކަރު ހަދާ، ފަރުވާކުޑަ މުވައްޒަފުން ތިބުމުން ތަން ކުރިއެރުމަށް ހުރަސް އެޅޭ،" އާޒިމް ވިދާޅުވިއެވެ.
މުވައްޒަފުންގެ ހާޒިރީއަށް އަލިއަޅުއްވާލައްވަމުން އާޒިމް ވިދާޅުވީ، އެއް ދުވަހު އޮފީހަށް ހާޒިރުވެއްޖެ ނަމަ ޖެހިގެން އަންނަ ދުވަހު ހާޒިރުނުވާ މުވައްޒަފުން ކައުންސިލްގައި އެބަތިބި ކަމަށެވެ. އަދި މުޅި މަހުގެ ހާޒިރީއަށް ބަލާއިރު 30 އިންސައްތަ އޮފީހަށް ހާޒިރުނުވާ މުވައްޒަފުންވެސް ކައުންސިލްގައި ތިބިކަން އޭނާ ހާމަކުރެއްވިއެވެ. މީގެ އިތުރުން ހެނދުނު އޮފީހަށް އައިސް ކާޑު ޖެހުމަށްފަހު، ސަޔަށާއި ކޮފީއަށް ގޮސް ބޭރުގައި ވަގުތު ހޭދަކުރުމަކީ ހުއްޓުވަން ޖެހޭ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ސިޓީ ކައުންސިލުން ކުރާ މަސައްކަތަށް ސިވިލް ސާވިސްއިން އެއްބާރުލުން ނުދޭ ކަމަށާއި، އެހެންކަމުން އެ ކޮމިޝަނުގެ ތެރޭގައިވެސް މައްސަލަތަކެއް ހުރި ކަމަށް ގަބޫލުކުރެއްވޭ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ޒިންމާ އަދާނުކުރާ މުވައްޒަފުން އެހެން ތަނަކަށް ބަދަލުކުރުން ނުވަތަ އަނބުރާ ގެންދިއުމަކީ މިހާރު ކުރަން ޖެހިފައިވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ، ފަރުވާކުޑަ މުވައްޒަފުންގެ ބަދަލުގައި މަސައްކަތަށް ގާބިލް، ތައުލީމީ އަދި އަޚްލާގު ރަނގަޅު މުވައްޒަފުން ކައުންސިލަށް ލިބޭނެ ގޮތް ސިވިލް ސާވިސްއިން ހަމަޖައްސައިދޭން ޖެހޭ ކަމަށެވެ. އެފަދަ މުވައްޒަފުން ނެތި ރައްޔިތުންނަށް އެދެވޭ ޚިދުމަތެއް ފޯރުކޮށްނުދެވޭނެ ކަމަށްވެސް އޭނާ ތަކުރާރުކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ