އިޓަލީގެ ސްކޫލްތަކުގައި މޫނުބުރުގާ އެޅުން މަނާކުރުމަށާއި، ބިދޭސީ ދަރިވަރުންގެ ޢަދަދު ވަކި މިންވަރެއްގައި ހިފެހެއްޓުމަށް، ސަރުކާރުން ވަރަށް އަވަހަށް ބިލެއް ހުށަހަޅާނެ ކަމަށް އެ ޤައުމުގެ ބޮޑުވަޒީރު ޖޯރްޖާ މެލޯނީ ވިދާޅުވެއްޖެއެވެ.
ރޯމުގައި އޭނާ ނިސްބަތްވެވަޑައިގަންނަވާ ޕާޓީ، ބްރަދާޒް އޮފް އިޓަލީގެ ޒުވާނުންގެ ފެސްޓިވަލެއްގައި ވާހަކަދައްކަވަމުން މެލޯނީ ވިދާޅުވީ، މި ފިޔަވަޅުގެ ދަށުން ސްކޫލް ނިޒާމާ ގުޅެން ދަތިވާ ބިދޭސީ ދަރިވަރުންގެ ބެލެނިވެރިންނަށް، އިޓަލީ ބަހުގެ ފިލާވަޅުތައް ލާޒިމުކުރާނެ ކަމަށެވެ. އަދި އިޓަލީގައި މުސްތަޤުބަލެއް ބިނާކުރަން ބޭނުންވާ ކޮންމެ މީހަކުވެސް، އެ ޤައުމުގެ ބަހާއި ސަގާފަތާއި ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިތަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުން މި ބިލު ފާސްކުރި ނަމަވެސް، ޤާނޫނަކަށް ވުމަށްޓަކައި 60 ދުވަހުގެ ތެރޭގައި ޕާލަމެންޓުގެ ރުހުން ހޯދަން ޖެހޭނެއެވެ. ކަނާތު ފިޔައިގެ ސިޔާސީ ފެށުމެއް އޮތް މެލޯނީއަކީ، އިސްލާމްދީނާ ދެކޮޅު، ޚާއްޞަކޮށް މޫނުބުރުގާއާ ވަރަށް ދެކޮޅު ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.
އަންނަ އަހަރު ބާއްވާ ޢާންމު އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން، ކުދި އަދި މެދު ފަންތީގެ ކާރާއި ސްކޫޓަރުގެ ޕްރޮޕަޓީ ޓެކުހުން ލުޔެއް ދިނުން ފަދަ، ތާއީދު ހޯދުމުގެ ސިޔާސަތުތައްވެސް މެލޯނީ އަންނަނީ ތަޢާރަފުކުރައްވަމުންނެވެ. މެލޯނީގެ ސަރުކާރަކީ، ދެވަނަ ބޮޑު ހަނގުރާމައަށްފަހު އިޓަލީގައި މެދުނުކެނޑި އެންމެ ދިގު މުއްދަތަކަށް ދެމިއޮތް ސަރުކާރެވެ.
ކޮމެންޓު ފޮނުވާ